ސެމްސަންގުން އަނެއްކާވެސް ފަތްޖަހާލެވޭ ފޯނެއް ނެރެނީ!

ސެމްސަންގް އިން "ގެލެކްސީ ފޯލްޑް" ލޯންޗްކުރި ފަހުން، އެފަދަ ފަތްޖަހާލެވޭ އިތުރު ފޯނުތަކެއް ނެރެން އުޅޭ ކަމަށް އަޑު ފެތުރުނެވެ. އެގޮތުން ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، އަގުހެޔޮ މޮޑެލްތަކެއްގެ ފޯނު ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޑު ފެތުރުނެވެ.

މިދިޔަ ހަފުތާގައި ބޭއްވި ސެމްސަންގް ޑިވެލޮޕާސް ކޮންފަރެންސްގައި އެ ކުންފުނިން ވަނީ ފަތްޖަހާލެވޭ ފޯނެއް ދައްކާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސެމްސަންގް އިން ދަނީ ޑަބްލިޔު ސީރީޒްގެ ދަށުން ފަތްޖަހާލެވޭ އާ ފޯނެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެ ފޯނަށް ދީފައިވާ ނަމަކީ "ސެމްސަންގް ޑަބްލިޔު20 5ޖީ އެވެ. މި ފޯނު މިމަހުގެ ތެރޭގައި ލޯންޗްކުރާނެ ކަމަށް ބެލެވެއެވެ.

މި ފޯނުގައި 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖެއް އިންނާނެ ކަމަށާއި ކަޅު ކުލަ އާއި ހުދު ކުލައިގެ ފޯނު ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އިތުރު ދެ މޮޑެލްއެއްގެ ފޯނު ނެރުމަށް ސެމްސަންގުން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފައެވެ.