އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާޅެންދޫގައި ޖެޓީއެއް ހަދައި ގޮނޑުދޮށް ހިމާޔަތްކުރަނީ

ނ. މާޅެންދޫ ޖެޓީ ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން 9،735 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބަ ބޭސިން ފުންކުރުމާއި 73 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 386 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 175 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން މޫރިން ބޯއީސް ހަރުކުރުމާއި 30 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ޖެޓީއެއް ހެދުމާއި 928 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32 މިލިއަން ރުފިޔާއަށެވެ. މަޝްރޫއު 270 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.