އާ އައިޕޮޑް ޓަޗް

4 އަހަރަށްފަހު އެޕަލްއިން އައިޕޮޑެއް ނެރެނީ

ހަތަރު އަހަރަށްފަހު އާ އައިޕޮޑް ޓަޗެއް ނެރުމަށް އެޕަލް އިން ނިންމައިިފިއެވެ. މިއީ 2015 ވަނަ އަހަރަށްފަހު އައިޕޮޑް ޓަޗެއް އެޕަލް އިން ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ.

އެޕަލް އިން ބުނާ ގޮތުން އަލަށް ނެރޭ އައިޕޮޑް ޓަޗް، މީގެ ކުރީގެ އައިޕޮޑް ޓަޗްތަކަށްވުރެ ދެ ގުނަ ހަލުވިވާނެއެވެ. އަދި ގްރެފިކްސް ތިން ގުނަ ރަނގަޅުވާނެއެވެ.

އެޕަލް އިން އަލަށް ނެރޭ އައިޕޮޑް ޓަޗްގައި ހުންނަނީ ހަތަރު އިންޗީގެ ރެޓީނާ ޑިސްޕްލޭއެކެވެ. މި އައިޕޮޑް ޓަޗަށް އެޕަލްގެ އެއާޕޮޑްވެސް ސަޕޯޓް ކުރާނެއެވެ.

އައިޕޮޑް ޓަޗް ނެރުމަށް ހަމަޖެހިފައިވަނީ ހަ ކުލައަކުންނެވެ. އެއީ ސްޕޭސް ގްރޭ، ރަންކުލަ، ރިހިކުލަ، ފިޔާތޮށި ކުލަ، ނޫކުލަ އަދި ރަތްކުލައެވެ. އައިޕޮޑް ޓަޗް 32 ޖީބީ 199 ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާއިރު 128 ޖީބީ ވިއްކާނީ 299 ޑޮލަރަށެވެ. އަދި 256 ޖީބީ ވިއްކާނީ 399 ޑޮލަރަށެވެ.