ސްލޯ ވެބްސައިޓްތައް އެނގޭނެ ގޮތް ގޫގުލް ކްރޯމް އިން ހަދަނީ

ވެބްސައިޓްގެ ކޯޑިންގްގެ ފެންވަރު ދަށްވުމުގެ ސަބަބުން، އެ ވެބްސައިޓް ލޯޑްވުމުގައި ލަސްކަމެއް އުޅޭނަމަ އެކަން އެނގޭނެ ގޮތް ހެދުމަށް ގޫގުލް ކްރޯމް ބްރައުޒާ އިން ތައްޔާރުވެއްޖެއެވެ.

ގޫގުލް އިން ބުނީ، ވެބްސައިޓްތަކަށް "ސްޕީޑް ބެޖިން" ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން ވެބްސައިޓް ލޯޑްވުމުގައި ލަސްކަމެއް އުޅޭ ނަމަ އެކަން އެ ސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެނގޭނެ ކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ.

މި ނިޒާމުގެ ސަބަބުން، ވެބްސައިޓް ލޯޑްވުމުގައި މައްސަލަ އުޅެނީ ކީއްވެގެންކަންވެސް އެ ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެނގޭނެއެވެ.

ވެބްސައިޓްތަކަށް "ސްޕީޑް ބެޖިން" ދޭން ނިންމާފައިވާކަން އިއުލާނުކުރި ނަމަވެސް އެ ހިދުމަތް ގޫލުލް ކްރޯމް ބްރައުޒާއިން ލިބިގެންދާނީ ކޮންއިރަކުންކަން ގޫގުލް އިން އަދި ހާމައެއް ނުކުރެއެވެ.