ވަކިލާރިން ގެންގޮސްދިން މުސާރަ ބަރޯއަކަށް އަޅާފައި ފޮޓޯ : އޭޕީ

މުސާރަ ލިބުނީ ވަކިލާރިން

ޖޯޖިއާގެ މީހަކަށް އޭނާގެ މުސާރަ ވަކިލާރިން ލިބިއްޖެއެވެ.

އެންޑްރީސް ފްލެޓެން ނަމަކަށްކިޔާ މި މީހާއަކީ މިދިޔަ ނޮވެމްބަރު މަހު ވަޒީފާއިން ކެނޑުނު މީހެކެވެ. އެންމެފަހު މުސާރައިގެ ގޮތުގައި އެ ކުންފުނިން އެންޑްރީސްއަށް ލިބެންޖެހޭ 915 އެމެރިކާ ޑޮލަރު، އޭނާއަށް ލިބިފައިވަނީ މިމަހުއެވެ. ވަކި ލާރިން ދިން މުސާރަ ހުރީ ގެ ދޮރު ކައިރީގައި ބަހައްޓާފައެވެ.

މިއީ ކުޑަކުދިން ކުރާ ކަހަލަ ކަމެއް ކަމަށް އެންޑްރީސް ވަނީ ބުނެފައެވެ. އެންޑްރީސް ބުނި ގޮތުގައި ފަހުމަހުގެ މުސާރަ ލިބުމުގައި ދަތިތަކެއް ހުރުމުން ޖޯޖިއާގެ ޑިޕާޓްމެންޓް އޮފް ލޭބާގެ އެހީތެރިކަން ހޯދަން އޭނާ ދިޔައީ މަސައްކަތްކުރަމުންނެވެ.

އެންޑްރީސް ބުނި ގޮތުގައި އޭނާއަށް މުސާރައިގެ ގޮތުގައި ދިން ވަކި ލާރީގައި ތެޔޮ ނުވަތަ ގިރިސް ފަދަ އެއްޗެއް ހުރީ އުނގުޅާފައެވެ. އެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަދާކުރި ވަޒީފާއިން ލިބުނު މުސާރަކޮޅުގެ ބޭނުން ކުރެވެން އޮތީ އިތުރު މަސައްކަތް ކޮށްގެންކަމަށް އެންޑްރީސް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން އެންޑްރީސް ވަޒީފާ އަދާކުރި ކުންފުނީގެ ވެރިޔާ ބުނެފައިވަނީ މުސާރަ ދެވިއްޖެ ކަމަށެވެ.