
ބޭކަރީއެއް ހިންގަމުން ނިކަމެތިންނަށް އެހީތެރިވާ 13 އަހަރުގެ ކުއްޖެއް
އެމެރިކާގެ މެރީލޭންޑަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ މައިކަލްއަކީ އަމިއްލަ ބޭކަރީއެއް ހިންގަމުން އަންނަ ކުއްޖެކެވެ. "މައިކަލްސް ޑެޒާޓްސް" ގެ ނަމުގައި މީގެ ދެ އަހަރު ކުރިން ފެށި ބޭކަރީއާއެކު މައިކަލް ބޭނުންވަނީ ގެދޮރުނެތް ނިކަމެތިންނަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.
"ދަ ވޮޝިންގްޓޮން ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުން މައިކަލްގެ ބޭކަރީން ވިކޭ ކޮންމެ ކަޕްކޭކަކަށް މައިކަލް ކަޕްކޭކެއް ނިކަމެއްޗަކަށް ހަދިޔާކުރެއެވެ.
ވިޔަފާރިއާގުޅޭ ގޮތުން މައިކަލް ބުނީ ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަށްދާން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަމުގައި ކުރިއަށްދާން ބޭނުންވަނީ ނިކަމެތިންނަށްވެސް އެހީވަމުން ކަމަށް މައިކަލް ބުންޏެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި މައިކަލްގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. މައިކަލް ބުނާ ގޮތުން އޭނާގެ ވިޔަފާރީގައި އެހީވެ ލަފާ ދެމުން އަންނަނީ އޭނާގެ މަންމައެވެ.