ކުދިންނަށް މާގިނަ ކުޅޭ އެއްޗެހި ގަނެ ނުދީ!

ކުދިން ފޫހިވިޔަ ނުދީ އެކުދިން ކުޅެން އެކި ކަހަލަ ކުޅޭ އެއްޗެހި ގަނެދީފައި ހުރެއެވެ. ހަމަ އެކަނި ފޫހިވާތީއެއް ނޫނެވެ. ބައެއް ކަހަލަ ކުޅޭ އެއްޗިއްސަކީ ކުދިންގެ ހެދި ބޮޑުވުމަށާއި ތަފާތު ހުނަރުތައް ގާއިމު ކުރަން ވަރަށް މުހިންމު އެއްޗިއްސެވެ. ނަމަވެސް މާ ގިނަ ކުޅޭ އެއްޗެހި ހުރުމުގެ ސަބަބުން ކުދިންގެ ހުނަރުތައް ގާއިމު ވާންވީ ވަރަށް ނުވެއެވެ. މަދު ކުޅޭ އެއްޗެހި ގެންގުޅުމުން ލިބޭ ބައެއް ފައިދާތައް މިހިރީއެވެ:

ކުދިންގެ އުފެއްދުން ތެރިކަމަށް ބާރުއެޅުން

ޖަރުމަނު ވިލާތުގެ ދެ ޕަބްލިކް ހެލްތް އޮފިސަރުން ހެދި ދިރާސާއެއްގައި ކްލާސްރޫމަކުން ހުރިހާ ކުޅޭ އެއްޗިއްސެއް ތިންމަސް ދުވަހަށް ނެރުނެވެ. ކުދިން ފުރަތަމަ ފޫހިވިއިރު ފަހުން ކުދިންގެ ހިޔާލު ބޭނުންކޮށްގެން ކުޅިވަރުތައް އަމިއްލައަށް ހަދައިގެން ކުޅުނެވެ. ކުޅޭނެ އެއްޗެއް ނެތުމުން ކުދިންގެ ހިޔާލާއި އުފެއްދުންތެރިކަން ބޭނުން ކުރުން މަޖުބޫރުވެއެވެ.

ސަމާލުކަންދޭ މިންވަރު އިތުރުވުން

އެމެރިކާގެ ޓޮލޭޑޯ ޔުނިވަރސިޓީގެ ދިރާސާވެރިން ބުނާ ގޮތުގައި ކުޑަކުދިންގެ ސަމާލުކަމުގެ މައްޗަށް އެކުދިންނަކަށް އެއްވެސް ބާރެއްނޯވެއެވެ. އެކުދިންގެ ސަމާލުކަން ވަރަށް އަވަހަށް އެހެނިހެން ކަންކަމުގެ ސަބަބުން ގެއްލެއެވެ. މަދު ކުޅޭ އެއްޗެއް ހުރުމުން އެކައްޗަކަށް ގިނަވަގުތު ހޭދަކުރެވި އެޔަށް ސަމާލުކަން ދޭން ދަސްވެއެވެ.

މައްސަލަ ހައްލު ކުރުމުގެ ހުނަރު ދަސްވުން

މަދުއެއްޗެއް ހުރުމުން އެ ހުރި އެއްޗަކުން މައްސަލަ ހައްލު ކުރުމުގެ ހުނަރު ދަސްވެއެވެ. އަދި މައްސަލައެއް ދިމާވުމުން އެކަން ހައްލުނުކޮށް ދޫކޮއްލުމުގެ އާދަވެސް ކެނޑިގެން ދާނެއެވެ. ކިތަންމެ ގިނަ ދަތިތަކާއި ކުރިމަތި ވިޔަސް ކާމިޔާބީއާ ހަމައަށް ހާސިލްވުމަށް މަސައްކަތް ކުރާނެއެވެ.

އާ ކަންތައްތައް ކުރުމަށް ބާރު އަޅާނެ

މަދު ކުޅޭ އެއްޗެހި ހުރުމުން އާ ކަންތައް ކުރުމަށް ކުދިން ބޭނުންވާނެއެވެ. މި ފުރުސަތުގެ ބޭނުންހިފާ ކުދިންނަށް އެހެން ކަންކަމަށް ހުށައެޅިދާނެއެވެ. މިސާލަކަށް ގެއިން ބޭރުގައި ކުރާ ކަންތައް، ކެއްކުން، ވާހަކަ ފޮތް ކިޔުންފަދަ ކަންތައް ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.

ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްވުން

މަދު އެއްޗެހި ހުރުމުން ހުންނައެއްޗެހި ރަނގަޅަށް ބަލަހައްޓާނެއެވެ. އަދި އަބަދު އާ އެއްޗެހި ހޯދަން ކުދިން ނުރޯނެއެވެ.

ކުޅޭއެއްޗެހި މަދު ކޮށްގެން އެކަނި އަދި ނުފުދެއެވެ. ޓީވީ، ޓެބްލެޓް، ފޯނު ފަދަ ސްކްރީން ބޭސްޑް މީޑިއާ އާވެސް ކުދިން ދުރު ކުރަން ޖެހޭނެއެވެ.