ދުޅަހެޔޮކަން މަތީ ދަރިން ބޮޑެތި ކުރުމަށް ކުރެވިދާނެ ކަންތައްތައް

ދަރިފުޅު ދެކެ ވާ ލޯތްބެއްގެ ސަބަބުން، ބައެއް ބެލެނިވެރިން އެ މީހުންގެ ދަރިފުޅު ކާން ބޭނުންވެގެން އެދޭހާ އެއްޗެއް ހޯދައިދެއެވެ. ނަމަވެސް މިފަދަ އަމަލުތަކުގެ ސަބަބުން އުމުރާއި ނުގުޅޭ މިންވަރަށް، ކުދިން ބަރުވުމަށް މަގުފަހިވެއެވެ.

އެމެރިކާގެ ހާޓް އެސޯސިއޭޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އުމުރުން ދެ އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ތިން ބައިކުޅަ އެއްބައި ކުދިންގެ ބަރުދަން ހުރީ ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައެވެ. މުސްތަގުބަލުގެ ޒުވާނުންގެ ގޮތުގައި ތިބި، މިއަދުގެ ކުޑަކުދިންގެ ސިއްހީ ހާލަތު ހުރީ ކަންބޮޑުވާ ދަރަޖައިގައި ކަމަށާއި އެކަން ހައްލުކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ސިއްހީ ގޮތުން ފައިދާ ހުރި ކާނާގެ މައުލޫމާތު ދަރިފުޅަށް ދިނުން

ފާސްޓް ފުޑްސް އާއި ޖަންކް ފުޑްސް ފަދަ ތަކެތިން ސިއްހަތަށް ގެއްލުން ލިބޭނެ ކަން ދަރިފުޅަށް ކިޔައިދޭށެވެ. އެފަދަ ކާނާއާ ދަރިފުޅު ދުރުކުރާށެވެ.

އޭގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކާނާ، މޭވާ އަދި ތަރުކާރީން ލިބޭ ފައިދާތައް ދަރިފުޅަށް ކިޔައިދީ، އެފަދަ ކާނާ ދަރިފުޅަށް ހޯދައިދޭށެވެ.

ނަމޫނާ ދެއްކުމާއި ކެއުމުގެ ގަޑިއަކީ އާއިލީ ވަގުތަކަށް ހެދުން

ދަރިންނަށް ނަމޫނާ ދައްކަން ޖެހޭނީ ބެލެނިވެރިންނެވެ. ބެލެނިވެރިންވެސް ކަނީ ސިއްހަތަށް ފައިދާ ހުރި ކާނާކަން ދަރިފުޅަށް އަންގައިދޭން ޖެހެއެވެ.

އާއިލާ އެކުގައި ކެއުމަށް އިންސާފު ކުރުމަކީ، ރަނގަޅު ކާނާ ކެއުމުގައި ދަރިންނަށް ހިތްވަރު ދެވޭ ކަމެއްގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުވާ ކަމެކެވެ.

ހަކުރު އެކުލެވޭ ބުއިންތަކާއި ދުރުހެލިކުރުވުން

ގިނަ ކުދިންނަކީ، ހަކުރު އެކުލެވޭ ބުއިންތަކަށް ލޯބިކުރާ ބައެކެވެ. އެފަދަ ބުއިންތަކަކީވެސް ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަން ދަރިންނަށް ވިސްނައިދޭށެވެ. ދަރިން އެދޭހާ މިންވަރަކަށް މިފަދަ ބުއިންތައް ހޯދައިނުދޭށެވެ.

ހަކުރު އެކުލެވޭ ބުއިންތަކުގެ ބަދަލުގައި ސާފު ބޯފެނަކީ ހުރިހާ ގޮތަކުންވެސް ސިއްހަތަށް ފައިދާ ހުރި އެއްޗެއްކަން ދަރިންނަށް ކިޔާދޭށެވެ.

ހެލިފެލިވުމާއި ކަސްރަތު

ދުވެ، ހަރަކާތްތެރިވުމުގެ ފުރުސަތު ވީހާވެސް ގިނައިން ދަރިންނަށް ހޯދައިދޭށެވެ. ގިނަ އާއިލާތަކުގައި ބެލެނިވެރިންނަކީ ވަޒީފާގައި ވަރަށް ބުރަކޮށް އުޅޭ ބަޔަކަށްވާތީ ދަރިންނަށް އެހާ ގިނައިން މިފަދަ ފުރުސަތުތަކެއް ހޯދައި ނުދެވެއެވެ.

ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުކުރުމަށް، ކޮންމެ ދުވަހަކުވެސް ގަޑިއެއްހާއިރު، ދުވެ ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދައިދޭށެވެ.