ވިކީ ކައުޝަލް

ކުރިއަށްދަނީ ދުރާލާ ރާވައިގެންނެއް ނޫން: ވިކީ

ފިލްމީ ދާއިރާގައި ކުރިއަށް ދަނީ، ދުރާލާ ރާވައިގެން ނޫން ކަމަށް އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.

މިމަހު ރިލީޒްކުރާ ބިރުވެރި ފިލްމް " ބޫތު: ޕާޓް ވަން – ދަ ހޯންޓެޑް ޝިޕް" ގެ ލީޑް ރޯލުން ފެނިގެންދާ ތަރި، ވިކީ ބުނީ ކަންކަން ރާވައިގެން ކުރިއަށްދާނަމަ އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވޭނެ ކަމަށެވެ.

ވިކީގެ 2018 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "ރާޒީ" އަދި "ސަންޖޫ" ހިމެނެއެވެ. އަދި މިދިޔަ އަހަރު ރިލީޒްކުރި "އޫރީ: ދި ސާޖިކަލް ސްޓްރައިކް" އަކީވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

އުމުރުން 31 އަހަރުގެ ވިކީ ބުނި ގޮތުގައި އޭނާއަށް އެންމެ މުހިންމީ ރަނގަޅު ޑައިރެކްޓަރުން އުފައްދާ ރަނގަޅު ފިލްމެއްގައި މަސައްކަތް ކުރުމެވެ. މީހުން ބަލަން ބޭނުންވާނީ ރަނގަޅު ވާހަކައަކަށް އުފައްދާ ފިލްމް ކަމަށްވެސް ވިކީ ވަނީ ބުނެފައެވެ.

ފިލްމް "އޫރީ: ދި ސާޖިކަލް ސްޓްރައިކް" ގެ ކުރިން އެކްޝަން ފިލްމެއް ތަޖުރިބާ ނުކުރާ ކަމަށާއި "ބޫތު: ޕާޓް ވަން – ދި ހޯންޓެޑް ޝިޕް" އަކީ ތަޖުރިބާ ކުރާ ފުރަތަމަ ބިރުވެރި ފިލްމް ކަމަށް ވިކީ ވަނީ ބުނެފައެވެ. ވިކީ ބުނި ގޮތުގައި އޭނާ ދަސްކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ.

ވިކީ ބުނީ މީހުންގެ ލޯތްބާއި، ޕްރޮޑިއުސަރުންގެ އިތުބާރާއި، އެކުގައި މަސައްކަތްކުރަން ބޭނުންވެފައި ހުރި ފިލްމް އުފެއްދުންތެރިއަކާއެކު މަސައްކަތް ކުރެވުމަކީ އުފާވާ ކަމެއް ކަމަށެވެ. އެއާއެކު އަމިއްލަ ނަފުސަށް އިތުބާރު ލިބޭ ކަމަށާއި ކުރިއަށް ދެވެނީ ރަނގަޅަށް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

"ބޫތު: ޕާޓް ވަން – ދަ ހޯންޓެޑް ޝިޕް" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމް ރިލީޒްކުރާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.