ކައިވެންޏަށްފަހު ދަރިއަކު ހޯދުމަށް ނިންމާއިރު މި ކަންކަމަށް ވިސްނާލާ

ކައިވެންޏަށްފަހު، ދަރިއަކު ހޯދުމަށް ދެމަފިރިން ނިންމާ ނިންމުމަކީ ހަޔާތުގެ އެންމެ މުހިންމު އެއް ނިންމުމެވެ. މިއީ ގިނަ އާއިލާތަކުން ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވާ ކަމެކެވެ.

ދަރިއަކު ހޯދުމަށް ނިންމުމުގެ ކުރިން ދެ މަފިރިންގެ ހެލްތު ޗެކަޕެއް ހެދުމަކީ މުހިންމު ކަމެކެވެ. ސިއްހީ ބޮޑު މައްސަލައެއް ހުރިތޯ ބަލާލުމުގެ އިތުރުން ހަށިގަނޑުގައި ހުންނަން ޖެހޭ މާއްދާތައް ހުރީ ހުންނަން ޖެހޭ މިންވަރުގައިތޯ ބަލާލުން މުހިންމެވެ.

ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ހުންނަން ޖެހޭ މިންވަރަށްވުރެ މަތިވުން ނުވަތަ ދަށްވުމަކީވެސް ދަރިއަކު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް މެދުވެރިވާ ސަބަބެކެވެ. އޭގެ އިތުރުން ބީއެމްއައި މަތިވުން ނުވަތަ ދަށްވުމަކީ އުފަންވާ ދަރިފުޅުގެ ސިއްހަތަށްވެސް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. އެހެންކަމުން ދެމަފިރިންވެސް ބީއެމްއައި ހުންނަން ޖެހޭ މިންވަރަށް ގެންނަން މަސައްކަތް ކުރަންޖެހެއެވެ.

ދަރިއަކު ހޯދުމަށް މަސައްކަތް ފަށާއިރު، ކެއިންބުއިމުގެ ވައްޓަފާޅިވެސް އިސްލާހުކޮށް ރަނގަޅު ކުރަން ޖެހެއެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކާށެވެ. އެގޮތުން ތަރުކާރީ ފަދަ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ދަރިފުޅު ބައިގެންދިޔުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.