ރިއަން އާއި ބްލޭކް

ކޮވިޑް-19: ރިއަން އާއި ބްލޭކްގެ ފަރާތުން ނިކަމެތިންނަށް 1 މިލިއަން ޑޮލަރު

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާއިރު، ނިކަމެތި އާއިލާތަކަށް އެހީވުމުގެ ގޮތުން އެކްޓަރު ރިއަން ރޭނޮލްޑްސް އާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ބްލޭކް ލިވްލީ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

ރިއަން އާއި ބްލޭކް ފައިސާ ހަދިޔާކޮށްފައިވަނީ އެމެރިކާގެ އެންޖީއޯ އެއް ކަމަށްވާ "ފީޑިން އެމެރިކާ" އަދި ކެނެޑާގެ ޗެރިޓަބަލް އޯގަނައިޒޭޝަނެއް ކަމަށްވާ "ފުޑް ބޭންކްސް ކެނެޑާ" އަށެވެ.

ސޯޝަލް މީޑިއާގައި، އެކްޓަރު ރިއަން އާންމުކުރި ޕޯސްޓެއްގައި ބުނީ ކޮވިޑް-19 ގެ އަސަރު އުމުރުން ދުވަސްވީ މީހުންނާއި ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކުގެ އެހީތެރިކަން އެފަދަ އޯގަނައިޒޭޝަންތަކަށް ބޭނުންވާ ކަމަށް ރިއަން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާއިރު، ބައެއް ގައުމުތަކުގައި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ފިލްމްތަކާއި ޓީވީ ސީރީޒްތަކުގެ ޕްރޮޑަކްޝަން މިވަގުތަށް ވަނީ ހުއްޓާލާފައެވެ.