ދަރިފުޅު ޓެސްޓަށް ތައްޔާރުކުރުމަށް އެހީތެރިވެވިދާނެ ގޮތްތަކެއް

ސްކޫލުގައި ދަރިފުޅު ހާސިލުކުރާ ތައުލީމުގެ ނަތީޖާ އެނގިގެންދާނީ ސްކޫލުގައި ދެވޭ އިމްތިހާނުތަކުންނެވެ. ބައެއް ދަރިވަރުންނަކީ ވަރަށް ފަސޭހައިން ފިލާވަޅު ނަގައިގަންނަ ކުދިންނެވެ. ނަމަވެސް އަނެއްބައި ކުދިންނަށް ފިލާވަޅު ދަސްކުރެވެނީ ވަރަށް މަސައްކަތުންނެވެ.

ދަރިފުޅު ޓެސްޓަށް ދަސްކުރަމުންދާއިރު އެހީވެދިނުމަކީ، އެ ދަރިފުޅުގެ ނަތީޖާއަށް ރަނގަޅު ބަދަލެއް އަންނާނެ ކަމެކެވެ.

ފިލާވަޅު ދަސްކުރުމަށް ދަރިފުޅަށް އެހީތެރިވެދިނުމުގެ ގޮތުން، ކޮންމެ މާއްދާއަކުން ފިލާވަޅު ދަސްކުރުމަށް ޓައިމް ޓޭބަލެއް ތައްޔާރުކޮށްލާށެވެ. ޓައިމް ޓޭބަލް ތައްޔާރުކުރުމުގައި، ދަރިފުޅަށް އެންމެ އުނދަގޫ މާއްދާތަކަށް ހާއްސަ އިސްކަމެއްދީ އެ މާއްދާތަކުގެ ފިލާވަޅުތައް ދަސްކުރުމަށް ވަގުތު އިތުރުކޮށްލެވިދާނެއެވެ.

ކުރީގެ އިމްތިހާނަކުން ދަރިފުޅަށް ނުބައިކޮށް ޖަވާބު ދެވިފައިހުރި ސުވާލުތައް ދެނެގަންނާށެވެ. އެ ފިލާވަޅުތަކަށް ހާއްސަ ސަމާލުކަމެއްދީ، އެ ފިލާވަޅުތައް އިތުރަށް ދަސްކުރުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ. ފިލާވަޅުތަކުން ސުވާލު ތައްޔާރުކޮށް، އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ދަރިފުޅާ ހަވާލުކުރާށެވެ. އޭރުން ދަރިފުޅަށް އިތުރަށް އެހީ ބޭނުންވާނެ ދާއިރާތައްވެސް އެނގިގެންދާނެއެވެ.

ފިލާވަޅު ދަސްކުރާ ވަގުތަކީ، ގޭގެ މާހައުލު އެކަމަށް އެކަށީގެންވާ މާހައުލަކަށް ހަދަންވާނެއެވެ. ޓީވީ ނިއްވާލާށެވެ. އެއީ ދަރިފުޅުގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރުނަ ނުދިނުމަށެވެ. އަދި ގޭގެ މާހައުލަކީ އަޑުމަޑު މާހައުލަކަށް ހަދާށެވެ.

ދަރިފުޅު ފިލާވަޅު ދަސްކުރާ ވަގުތު، ގާތުގައި އެހީތެރިވެދޭން ހުރެވޭނަމަ ދަރިފުޅު ގާތު މަޑުކުރާށެވެ. ފިލާވަޅާއި ގުޅޭ ގޮތުން ދަރިފުޅަށް ނޭނގޭ އެއްޗެއް އޮތްތޯ ސުވާލުކޮށް، އެ ފިލާވަޅު ދަސްކުރުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ.

ފިލާވަޅު ދަސްކުރަމުންދާއިރު، ދަރިފުޅަށް ދޭތެރެ ދޭތެރެއިން ބްރޭކް ދޭށެވެ. ކަންބޮޑުވުމާއި ހާސްވުމާއި ދުރުވުމަށް ދަރިފުޅަށް ނަސޭހަތްދޭށެވެ. ދަރިފުޅަށް މާބޮޑަށް ޕްރެޝަރު ނުކުރާށެވެ. "އޭ ރިޕޯޓް" ނުލިބިއްޖެނަމަ ވަކި ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ނަހަދާށެވެ. އަދި ކުއްޖެއްގެ ނަން ބުނެ، އެ ކުއްޖާ މާ މޮޅު ކަމަށާއި އެ ކުއްޖާ ފަދަ މޮޅު ކުއްޖަކަށް ނުވެވެނީ ކީއްވެތޯ ބުނެ ނަހަދާށެވެ.