"މުލާން" އާއި "ފާސްޓް 9" ވެސް ރިލީޒްކުރުން ފަސްކޮށްފި

މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. އެ ލިސްޓަށް މިވަނީ އަނެއްކާވެސް އިތުރު ދެ ފިލްމް އިތުރުވެފައެވެ.

ޑިޒްނީގެ ފިލްމް "މުލާން" އާއި ޔުނިވާސަލް ސްޓޫޑިއޯސްގެ ފިލްމް "ފާސްޓް އެންޑް ފިއުރިސް 9" ރިލީޒްކުރުން މިވަނީ ފަސްކޮށްފައެވެ.

އެކްޓްރެސް ލިއު ޔިޕީ ލީޑް ރޯލު ކުޅެފައިވާ ފިލްމް "މުލާން" ރިލީޒްކުރަން އޮތީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ޑިޒްނީގެ ތަރުޖަމާނު ވިދާޅުވީ ފިލްމް ރިލީޒްކުރުން ފަސްކޮށްފައިވާ ކަމަށާއި ފިލްމް ރިލީޒްކުރާނެ ތާރީހެއް ކަނޑައަޅައި އިއުލާނު ކުރާނެ ކަމަށެވެ.

"ފާސްޓް އެންޑް ފިއުރިއަސް 9" އަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. މި ފިލްމް ރިލީޒްކުރަން އޮތީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު މި ފިލްމް ރިލީޒްކުރުން ވަނީ އަންނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް ފަސްކޮށްފައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ޗައިނާ އާއި އިޓަލީގެ އިތުރުން ބައެއް ގައުމުތަކުގައި ސިނަމާތައް މިހާރު ވަނީ ބަންދުކޮށްފައެވެ.