ދަރިފުޅަކީ ބަސްއަހާ ކުއްޖަކަށް ހަދާނީ ކިހިނެތް؟

ކޮންމެ ކުއްޖަކީ ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ބައެއް ކުދިންނަކީ ވަރަށް ބަސްއަހާ މަޑުމައިތިރި ކުދިންނެވެ. އަނެއްބައި ކުދިންނަކީ ބޮޑާހާކާ އަދި ބަސްގަބޫލު ނުކުރާ ކުދިންނެވެ.

ދަރިފުޅު ބަސްނޭހުމަކީ ގިނަ ބެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ. ދަރިންނަށް ރަނގަޅު ގޮތް ކިޔައިދީ ރަނގަޅު މަގު ދައްކައިދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. މިއީ ވަގުތާއި ކެތްތެރިކަން އިންތިހާއަށް ބޭނުންވާނެ ކަމެކެވެ. ދަރިފުޅަށް ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އޭގެ ރަނގަޅު ގޮތް ކިޔައިދޭންވާނީ މަޑުމައިތިރި ކަމާއެކުގައެވެ.

އެންމެ ފުރަތަމަ ކަމަކަށް ދަރިފުޅުގެ ވާހަކަ އަބަދުވެސް އަޑުއަހާށެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ބުނުމުގެ ފުރުސަތު ދޭށެވެ.

ދަރިފުޅު ބޮޑާހޭކުމަށް މެދުވެރިވާ އެއް ސަބަބަކީ މާބޮޑަށް ދޫ ދިނުމެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް ލިމިޓެއް ކަނޑައަޅާފައި ބާއްވާށެވެ. ދަރިފުޅު ޓީވީ ބެލުމަށް ވަކި ވަގުތެއް ކަނޑައަޅާށެވެ. ޓެބްލެޓް / ފޯނު ބޭނުން ކުރެވޭނީވެސް ކަނޑައެޅިފައިވާ ވަގުތުގައިކަން ދަރިފުޅަށް އަންގައިދޭށެވެ. ޓީވީ ބެލުމަށް ނުވަތަ ފޯނާއި ކުޅުމަށް އިތުރު ވަގުތު ދިނުމަށް ދަރިފުޅު އެދޭނެއެވެ. ނަމަވެސް ދަރިފުޅު އެދޭހާ ގޮތަކަށް ދޫ ދޭނަމަ، އިތުރަށް ދޫ ދިނުމަށް އެދި ދަރިފުޅު ބޮޑާހާކާނެއެވެ.

ފާހަގަކުރަންވީ ހަމައެކަނި ދަރިފުޅު ކުރާ ގޯސް ކަންތައްތަކެއް ނޫނެވެ. ދަރިފުޅު ރަނގަޅު ކަމެއް ކުރުމުން އެކަންވެސް ފާހަގަކުރާކަން ދަރިފުޅަށް އަންގައިދޭށެވެ. މިއީ ކޮންމެ ފަހަރަކު އިނާމެއް ދިނުމެއް ނޫނެވެ. ތައުރީފުގެ ބަހެއް ބުނުމަކީވެސް ކުރެވިދާނެ ކަމެކެވެ.