ބޮޑު ޗުއްޓީގައި ކުރެވިދާނެ ކަންތައްތައް : 2 ވަނަ ބައި

ދިރާސީ އަހަރުގެ ކިޔެވުން، ނިމި މިހާރު ގުނަމުން މިދަނީ ބޮޑު ޗުއްޓީގެ ދުވަސްތަކެވެ. މިއީ މި ޗުއްޓީއަކީ ބޭނުންތެރި އަދި ފައިދާތަކެއް ކުރާ ދުވަސްކޮޅަކަށް ހެދުމަށް ކުރެވިދާނެ އިތުރު ކަންތައްތަކެކެވެ.

ހެލްތު ޗެކަޕެއް ވަރަށް މުހިންމު

ސިއްހީ މައްސަލައެއްގެ އަލާމާތް ފެންނަން ނެތް ކަމުގައި ވީނަމަވެސް، އާއިލާގެ މެންބަރުންގެ ހެލްތު ޗެކަޕެއް މި ޗުއްޓީގައި ހަދާލެވިދާނެއެވެ. ސިއްހީ މައްސަލައެއް ހުރި ނަމަ، ހާލަތު މާބޮޑަށް ގޯސް ނުވަނީސް އޭރުން އެނގޭނެއެވެ. މުހިންމު ކަމެއް ދީގެން، ލޮލުގެ ޓެސްޓް، ފާސްޓިން ބްލަޑް ޓެސްޓް، ޔޫރިން ފުލް ރިޕޯޓް ފަދަ ޓެސްޓްތައް ހަދާލެވިދާނެއެވެ.

އާއިލާއާއެކު ޗުއްޓީއަކަށް

"އަލިފާން ފޮއްޓެއް" ކަހަލަ އެޕާޓްމަންޓެއްގައި ދިރިއުޅޭ ނަމަ، މި ޗުއްޓީގައި ކައިރި ރަށަކަށް ދިޔުމަކީ ކޮށްލެވިދާނެ ކަމެކެވެ. ދިރިއުޅޭ ރަށުން ބޭރަށް ދެވެން ނެތް ނަމަ، ދިރިއުޅޭ ރަށުގައި ކުދިން ގޮވައިގެން ބޭރަށް ނިކުމެލާށެވެ. ގޮނޑު ދޮށަށް ޕިކްނިކް ދިޔުމަކީވެސް ކޮށްލެވިދާނެ ކަމެކެވެ.

ދާރުލްއާސާރު ނުވަތަ ލައިބްރަރީއަކަށް ޒިޔާރަތްކޮށްލުން

ކުދިންގެ އާންމު މައުލޫމާތު އިތުރުކޮށް މުއްސަނދި ކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. ދާރުލްއާސާރު ނުވަތަ ލައިބްރަރީއަށް ޒިޔާރަތްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. އެކުވެރިއަކު ގެންގުޅޭ ވާހަކަ ފޮތެއް ގެނެސް ކިޔާލުމަކީވެސް ކޮށްލެވިދާނެ ކަމެކެވެ.

ވާހަކަ ދެއްކުމުގެ ހުނަރާއި ލިޔުމުގެ ހުނަރު

ސްކޫލުގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތްތަކާއި ލިޔުމުގެ މުބާރާތްތަކަށް، ދަރިފުޅު ފަރިތަކުރުވުމަށް މި ޗުއްޓީގެ ބޭނުން ހިފިދާނެއެވެ. ބަހުސް ކުރުން، ވާހަކަ ދެއްކުމުގެ މުބާރާތް، އަދަބީ ހަރަކާތްތަކަށް ދަރިފުޅު ފަރިތަކުރުވިދާނެއެވެ.

މަޒުމޫނު ލިޔުމާއި ވާހަކަ ލިޔުން ފަދަ، ދިގު ލިޔުންތަކަށް ދަރިފުޅު ފަރިތަކުރުވުމުގެ ގޮތުން ލިޔުންތައް ލިޔުއްވިދާނެއެވެ. މިއީ އަތުލިޔުން ރީތިކުރުމަށްވެސް އެހީވެދޭނެ ކަމެކެވެ.