ވަޒީފާގައި މުވައްޒަފުން "ހަރުނުލަނީ" ކީއްވެ؟

ވަޒީފާ ދޭ ކުންފުނިތަކުގެ އެންމެ އާންމު އެއް ޝަކުވާއަކީ މުވައްޒަފުން ވަޒީފާތަކުގައި "ހަރުނުލާ" ކަމުގެ ޝަކުވާއެވެ. މިއީ ހަމައެކަނި މި ދިވެހިރާއްޖޭގައި ދިމާވާ ކަމެއް ނޫނެވެ. މުވައްޒަފުން ވަޒީފާގައި "ހަރުނުލާ" ކަމުގެ ޝަކުވާއަކީ ވަރަށް ގިނަ ގައުމުތަކުގައި ކުންފުނިތަކުން ކުރާ ޝަކުވާއެކެވެ.

މުވައްޒަފުން ވަޒީފާތަކުގައި "ހަރުނުލަނީ" އެކި ސަބަބުތައް މެދުވެރިވެގެންނެވެ. ވަޒީފާތަކުން ގިނަ މުވައްޒަފުން ކެނޑެނީ ވަޒީފާދޭ ފަރާތުގެ އިހުމާލެއް އޮވެގެންނެވެ.

އަގުވަޒަން ނުކުރުން

ކޮންމެ މުވައްޒަފަކުވެސް، އެ މުވައްޒަފަކު ކުރާ މަސައްކަތުގެ އަގު އޮފީހުގެ ފަރާތުން ފާހަގަކުރުމަށް އެދޭނެއެވެ. ނަމަވެސް ގިނަ އޮފީސްތަކުގައި، މުވައްޒަފުންގެ އަގު ވަޒަން ކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި ފެންނަނީ މުވައްޒަފުންނަށް ގޯސްކޮށް ކުރެވިފައިވާ ކަމެއްގެ ސަބަބުން އޮފީހުގެ ވެރިޔާ އެ މުވައްޒަފަކަށް ހަޅޭލަވާ ތަން ނުވަތަ އަދަބެއް ދޭ ތަނެވެ.

މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ ކޮންމެހެން އިނާމެއް ދިނުމެއް ނޫނެވެ. މުވައްޒަފު ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި އެކަމަށް ޝުކުރުވެރިވާކަމަށް ބުނުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ވަޒީފާގައި ކުރިއަށް ނުދެވުން

ވަޒީފާގައި ޕްރޮމޯޝަން ލިބުމާއި މުސާރައިގެ ކުރިއެރުން ލިބުމަކީ މުވައްޒަފުން އެދޭނެ އެންމެ ބޮޑު އެއް އެދުމެވެ. މިއީ ވަޒީފާގައި ދެމި ހުރުމަށް މުވައްޒަފުންނަށް ލިބޭނެ ހިތްވަރެކެވެ. ފަރުވާތެރިކަމާއެކު ރަނގަޅަށް އެ ވަޒީފާގައި އަހަރުތަކެއް ހޭދަކުރާއިރުވެސް ޕްރޮމޯޝަން ނުލިބޭކަމުގެ ޝަކުވާ ގިނައެވެ.

މުވައްޒަފުންނަކީވެސް އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މީހުންނެވެ. ވަޒީފާގައި ކުރިއެރުން ނުލިބި ގިނަ ދުވަސްވާނަމަ އެ މުވައްޒަފުން އެހެން ވަޒީފާއެއް ހޯދާނެއެވެ. މިފަދަ މުވައްޒަފުން ގިނަ ފަހަރު ބަލާނީ ހަމަ އެ ބާވަތުގެ މަސައްކަތެއް ކުރާ އޮފީހަކުން ވަޒީފާ ލިބޭތޯއެވެ.

ކުރީގެ ވަޒީފާގައި ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތްކޮށްފައި ހުރުމަކީ އެހެން ކުންފުންޏަކުން އެ މުވައްޒަފު ވަޒީފާ ހޯދަން މަސައްކަތްކުރާއިރު ލިބޭނެ ޕްލަސް ޕޮއިންޓެކެވެ.

މަސައްކަތް މާބޮޑަށް ބުރަވުން

ކޮންމެ ވަޒީފާއަކީ އޮފީހެއްގެ މޭޒު ދޮށުގައި އިނދެ، އަދާކުރެވޭނެ ވަޒީފާއެއް ނޫނެވެ. ވާރެއާއި އަވީގައި އަދާކުރަންޖެހޭ ވަޒީފާވެސް ހުންނާނެއެވެ. ނަމަވެސް ކޮންމެ އިންސާނުންނަށް މަސައްކަތް ކުރެވޭނީ ވަކި މިންވަރަކަށެވެ. އެ މުވައްޒަފުންގެ އާއިލާއަށްވެސް ވަގުތު ދޭން ބޭނުންވާނެއެވެ.

މިއީ މި ރާއްޖެއިން ފެނުނު މަންޒަރެކެވެ. އެއް ބާވަތެއްގެ މަސައްކަތް ކުރާ ދެ އޮފީހެވެ. އެއް އޮފީހަކީ ގާތްގަނޑަކަށް 30 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ އޮފީހެކެވެ. އަނެއް އޮފީހަކީ ގާތްގަނޑަކަށް ފަސް ވަރަކަށް މުވައްޒަފުންނާއެކު މަސައްކަތް ކުރާ އޮފީހެކެވެ.

މަދު މުވައްޒަފުންނާއެކު މަސައްކަތް ކުރާ އޮފީހުގެ ވާދަވެރި ކުންފުންޏަކީ މާލީ ގޮތުން ތަނަވަސް އަދި މުވައްޒަފުންވެސް ތިބި އޮފީހެކެވެ. ނަމަވެސް ވާދަވެރި ކުންފުންޏާއި ވާދަކުރުމަށް ފަސް ވަރަކަށް މުވައްޒަފުން ބޭނުންކުރާނަމަ އެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ.

މިއީ އެފަދަ މުވައްޒަފުން އެ ވަޒީފާ ދޫކޮށްލުމާމެދު ވިސްނާނެ ކަމެކެވެ.