އޮފީހުގެ މުވައްޒަފުން މޯޓިވޭޓްކުރުވާނީ ކިހިނެތް؟

އޮފީހެއްގެ ކުރިއެރުމަކީ އެ އޮފީހުގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންނެވެ. މުވައްޒަފުން ހިތްހަމަޖެހިފައި ތިބުމަކީ އެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމެކެވެ.

މުވައްޒަފުން މޯޓިވޭޓް ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަދި އެއީ ގިނަ ވަސީލަތްތަކެއް އެކަމަށް ބޭނުންވާ ކަމެއްވެސް ނޫނެވެ. އޮފީހުގެ ވެރިޔާ، މުވައްޒަފުންގެ ހާލު އޮޅުންފިލުވާލުމަކީވެސް އެ މުވައްޒަފުން، އޮފީހުގެ ވެރިޔާ އަދި އޮފީހާމެދު ހިތްހަމަޖެހޭނެ ކަމެކެވެ.

އެއް މަސައްކަތެއް ކުރާ ގިނަ އޮފީސްތަކެއް ހުރެއެވެ. އޮފީހުގެ ވެރިޔާ ބޭނުންވާނީ ކާމިޔާބު ހޯދާށެވެ. ދެން ހުރި އޮފީސްތަކަށްވުރެ ކުރި ހޯދާށެވެ. އެކަމަށްޓަކައި ގޯލްތަކެއް ކަނޑައަޅާފައިވެއެވެ. ނަމަވެސް ބައެއް އޮފީސްތަކުގެ ވެރިން ގިނަ ވަގުތު ހޭދަކުރީ ކޮފީތަކުގައެވެ. އޮފީހުގައި ހޭދަކުރާ ވަގުތުވެސް ހޭދަކުރަނީ ހަބަރު ކިޔުމާއި އެނޫންވެސް އޮފީހުގެ މަސައްކަތާއި ނުގުޅޭ ކޮންމެވެސް ކަމެއްގައެވެ. މިފަދަ ހާލަތުގައި އޮފީހުގެ ޓާގެޓް ހާސިލުކުރުމުގައި މުވައްޒަފުންގެ އެއްވެސް މޯޓިވޭޝަނެއް ނުހުންނާނެއެވެ.

އޮފީހުގެ ވެރިޔާއަކީ އަބަދުވެސް މުވައްޒަފުންނާ ވާހަކަ ދެކެވޭ މީހަކަށް ވާންޖެހޭނެއެވެ. މުވައްޒަފުންގެ ކަންކަން ގަވާއިދުން ބަލަހައްޓަންވެސް ޖެހޭނެއެވެ. މުވައްޒަފުންގެ އަގު ވަޒަން ކުރާކަން އެ މުވައްޒަފަކަށް މިކަމުންވެސް ފާހަގަވާނެއެވެ.

މުވައްޒަފުންނަށް ނަމޫނާ ދައްކާ މީހަކަށް އޮފީހުގެ ވެރިޔާ ވާންޖެހޭނެއެވެ. އޮފީސްތަކުގެ މަސައްކަތް ފެށުމަށް ގަޑިއެއް ކަނޑައެޅިފައިވެއެވެ. އެ ގަޑިއަށް މުވައްޒަފުން އަންނައިރު، އޮފީހުގެ ވެރިޔާއަކީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ މީހަކަށްވާނަމަ އެކަން އިސްލާހުކޮށް ނަމޫނާ ދައްކާ މީހަކަށް އޮފީހުގެ ވެރިޔާ ވާންޖެހެއެވެ.  

އޮފީހުގެ މުވައްޒަފުންނާއި ބައްދަލުކޮށް، މުވައްޒަފުންނަށް ދަތިވެފައި ހުރި ކަންކަމާއި ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަން ރަނގަޅުކުރުމަކީވެސް މުވައްޒަފުން މޯޓިވޭޓްވާނެ ކަމެކެވެ. އެ މުވައްޒަފުން ބާރުވެރިކޮށް، ކުރިއަށް ދިއުމަށް މަގު ދަށްކައިދޭ މީހަކަށް އޮފީހުގެ ވެރިޔާ ވާންޖެހޭނެއެވެ.