ހަފުތާ ބަންދަށް 3 ދުވަސް: އުފެއްދުންތެރިކަން އިތުރުވި

ރަސްމީ މަސައްކަތު ފަސް ދުވަހަށްފަހު ދެން އިންތިޒާރު ކުރެވޭނީ ހަފުތާ ބަންދަށެވެ. ރާއްޖެއާއި ހިލާފަށް ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ހަފުތާ ބަންދުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހެވެ.

މައިކްރޯސޮފްޓް ޖަޕާން އިން މިވަނީ ދިރާސާއެއް ކުރުމަށްޓަކައި ހަފުތާއެއްގައި މަސައްކަތް ކުރާނީ ހަތަރު ދުވަސް ކަމަށް ކަނޑައަޅާފައެވެ. އެއާއެކު އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހަފުތާ ބަންދުގެ ގޮތުގައި ތިން ދުވަސް ލިބިގެންދާނެއެވެ. ހަފުތާ ބަންދަކީ ހުކުރު ދުވަސް، ހޮނިހިރު ދުވަސް، އަދި އާދިއްތަ ދުވަހެވެ.

އެ ދިރާސާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުއެވެ. ދިރާސާ ކުރުމަށް އެ އޮފީހުގެ 2،300 މުވައްޒަފަކަށް ވަނީ އޮގަސްޓް މަހު، ކޮންމެ ހަފުތާއެއްގެ ހަފުތާ ބަންދުގެ ގޮތުގައި ތިން ދުވަސް ދީފައެވެ.

މައިކްރޯސޮފްޓް ޖަޕާން އިން ހާމަކުރި ގޮތުގައި ދިރާސާގެ ނަތީޖާ ވަރަށް "ސަޕްރައިޒިންގް" އެވެ. ހުރިހާ މުވައްޒަފުންގެ އުފެއްދުންތެރިކަންވެސް ގާތްގަނޑަކަށް 40 އިންސައްތަ އިތުރުވެފައިވާ ކަން އެ އޮފީހުން ފާހަގަކުރެއެވެ.

މުވައްޒަފުން ކަރަންޓު ބޭނުންކުރާ މިންވަރު 23.1 އިންސައްތަ ދަށަށް ދިޔައިރު ޕްރިންޓް ކަރުދާސް ބޭނުންކުރާ މިންވަރު 58.7 އިންސައްތަ ދަށަށް ދިޔަ ކަމަށް މައިކްރޯސޮފްޓް ޖަޕާބުން ބުނެއެވެ.