އިންޑިއާގައި އެންމެ ބޮޑު މުސާރައެއް ދެނީ ބެންގަލޫރުގައި

އިންޑިއާގައި ވަޒީފާ އަދާކޮށް ބޮޑު މުސާރައެއް ބޭނުންވާނަމަ ދާންވީ ބެންގަލޫރަށެވެ. ރެންޑްސްޓެޑް އިންސައިޓްސް ސެލަރީ ޓްރެންޑްސް ރިޕޯޓް 2019 ބުނާ ގޮތުން ބެންގަލޫރުގައި މަސައްކަތްތެރިންނަށް ލިބޭ މުސާރަ، އިންޑިއާގެ އެހެން ސިޓީގެ މަސައްކަތްތެރިންނާ އަޅާބަލާއިރު އިތުރެވެ.

މި ރިޕޯޓް ތައްޔާރުކޮށްފައިވަނީ ތަފާތު 15 ދާއިރާއެއްގައި މަސައްކަތްކުރާ އެއް ލައްކަ މަސައްކަތްތެރިން ބައިވެރިކޮށްގެންނެވެ. މި ރިޕޯޓް އެކުލަވާލާފައިވަނީ އިންޑިއާގެ އެންމެ ބޮޑު 8 ސިޓީގެ މަސައްކަތްތެރިން ބައިވެރިކޮށްގެންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން، އިންޑިއާގެ ސިޓިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރަދޭ ސިޓީގެ މަގާމު ބެންގަލޫރަށް ލިބިފައިވާ ކަމެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ބެންގަލޫރުގައި ޖޫނިއާ ލެވަލް ނުވަތަ އަލަށް ވަޒީފާއަށްދާ މަސައްކަތްތެރިއަކަށް އެވަރެޖްކޮށް އަހަރަކު 520000 (ފަސް ލައްކަ ވިހި ހާސް) ރުޕީސް ލިބެއެވެ. މެދު-ފަންތީގެ މަސައްކަތްތެރިއަކަށް އަހަރަކު 1.64 މިލިއަން ރުޕީސް ލިބޭއިރު މަތީ ފަންތީގެ މަސައްކަތްތެރިއަކަށް އަހަރަކު އެވަރެޖްކޮށް 3.54 މިލިއަން ރުޕީސް މުސާރައިގެ ގޮތުގައި ލިބެއެވެ.

އިންޑިއާގެ ހައިދަރްއާބާދުގައި އަލަށް ވަޒީފާއަށް ނުކުންނަ މީހަކަށް އަހަރަކު އެވަރެޖްކޮށް ލިބެނީ 5 ލައްކަ ރުޕީސްއެވެ. މުމްބާއީގައި އެ އަދަދު އުޅެނީ 450000 (ހަތަރު ލައްކަ ފަންސާސް ހާސް) ރުޕީސްގައެވެ.

ބެންގަލޫރަށްފަހު، މެދު ފަންތީގެ މަސައްކަތްތެރިންނަށް އެންމެ ބޮޑު މުސާރައެއް ދެނީ މުމްބާއީ އަދި ދިއްލީގައެވެ. މުމްބާއީގައި މެދު ފަންތީގެ މުވައްޒަފެއްގެ އަހަރެއްގެ އެވަރެޖް މުސާރައަކީ 1.5 މިލިއަން ރުޕީސްއެވެ. ދިއްލީގައި 1.45 މިލިއަން ރުޕީސްއެވެ.

ބެންގަލޫރުގައި އެންމެ ބޮޑު މުސާރައެއް ދެނީ އައިޓީ ދާއިރާގެ މަސައްކަތްތެރިންނަށެވެ.