ކުޅިވަރުތައް ކުޅޭ ކުދިންނަށް ލިބޭ އަނިޔާތަކުން އެ ކުދިން ސަލާމަތް ކުރާނީ ކިހިނެތް؟

ބޮޑެތި މީހުންނެކޭ އެއްފަދައިން، ކުޅިވަރު ކުޅެގެން ކުދިންނަށް އެކިވަރުގެ އަނިޔާ ލިބުމަކީ ވަރަށް އާންމު ކަމެކެވެ. ތަދެއް އެރުން ނުވަތަ ކަށިގަނޑެއް ބިންދައިގެން ދިޔުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ.

މާޒީގައި މިފަދަ ކަމެއް ދިމާވެފައި އޮތުމުން ނުވަތަ އެފަދަ ކަމެއް ދިމާވެދާނެ ކަމުގެ ބިރަށް، ބައެއް ބެލެނިވެރިން އެ މީހުންގެ ދަރިން ކުޅިވަރުތަކުގައި ބައިވެރިކުރުމަށް ފަސްޖެހޭ ގޮތްވެއެވެ.

މާ ތުއްތުއިރު ވަކި ކުޅިވަރަކުން ކުރިއަށް ދިޔުމަށް ބާރު ނޭޅުން

ކުއްޖެއްގެ ކިބައިގައި ވަކި ކުޅިވަރެއް ކުޅުމުގެ ހުނަރު ވަރަށް ބޮޑަށް ހުރެދާނެއެވެ. މިސާލަކަށް ފުޓްބޯޅަ ކުޅުން ނުވަތަ ޖިމްނާސްޓިކްއަށް މޮޅުވެދާނެއެވެ. ނަމަވެސް މާ ތުއްތުއިރު އެއް ކުޅިވަރަކުން ކުރިއަށް ދިޔުމަށް ބާރުއަޅާ ނަމަ އެ ކުދިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ކުޅިވަރު ކުޅޭ ކުދިންނަށް، އަހަރަކު މަދުވެގެން ތިން މަސް ދުވަހުގެ ބްރޭކެއް ކުޅިވަރުން ދިނުމަށް ސިއްހީ ބައެއް މާހިރުން ލަފާދެއެވެ. މިއީ އެ ކުދިންނަށް ކުޅިވަރުގެ ސަބަބުން ލިބިދާނެ އަނިޔާއަކުން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަމެކެވެ.

 

 ކޯޗް އަދި ޕްރޮގްރާމްތައް ޗެކްކުރުން

ކުޅިވަރު ޕްރޮގްރާމެއްގައި ކުދިން ބައިވެރިކުރުމުގެ ކުރިން، އެ ޕްރޮގްރާމްގައި ހުންނަ ކޯޗްއަކީ ރަނގަޅު ކޯޗް އެއްތޯ އަދި ހުރިހާ ކުދިންނަށް އެއްވަރަކަށް ސަމާލުކަން ދޭ ކޯޗް އެއްތޯ ބަލަންވާނެއެވެ.

ވަކި ކުއްޖަކަށް ސަމާލުކަން ދޭ ޕްރޮގްރާމްތަކުގައި ކުދިންނަށް އަނިޔާ ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި ކުދިން ލައްވާ އެކަށީގެން ނުވާ ވަރަށް ގިނަ ވަގުތު ފަރިތަކުރުވާ ނަމަވެސް ކުދިންނަށް އޭގެން ގެއްލުން ލިބުން އެކަށީގެންވެއެވެ.

 

ކޮންމެ ދުވަހަކުވެސް ކުދިން އަރާމުކުރަން ފުރުސަތު ދިނުން

ކޮންމެ މީހަކުވެސް، ދުވަހުގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުމަށްފަހު އަރާމުކޮށްލަން ބޭނުންވާނެއެވެ. އަދި ހާއްސަކޮށް ބޮޑުވަމުން އަންނަ ކުދިންނަށް އަރާމުކޮށްލާނެ ފުރުސަތު ކޮންމެ ދުވަހަކު ހޯދައިދޭން ވާނެއެވެ.

ރަނގަޅަށް ނިދި ބޭނުންވާ ފަދައިން، ސިއްހަތަށް ފައިދާ ހުރި ކާނާ އާއި އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

  

ރަނގަޅަށް ވޯމްއަޕް ކުރުން

ކުޅިވަރުގެ ތެރޭގައި ލިބޭ އާންމު އަނިޔާތަކުގެ ތެރޭގައި މަސްގަނޑު އިރައިގެން ދިޔުން، ލިގަމެންޓް މައްސަލަ ޖެހުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ބައެއް އަނިޔާތަކުގެ ސަބަބުން ބައެއް ފަހަރު މަސްތަކެއް ވަންދެން ކުޅިވަރާއި ދުރުގައި ހުންނަން ޖެހެއެވެ.

މިކަންކަމުގެ ނުރައްކަލުން ކުދިން ސަލާމަތްކުރުމަށްޓަކައި ކޮންމެ ފަރިތަކުރުމެއް ފެށުމުގެ ކުރިން، ތައްޔާރުވުމުގެ ގޮތުން ރަނގަޅު ވޯމްއަޕެއް ކުރުވަންވާނެއެވެ.

 

ކުދިން ހިތްހަމަ ޖެއްސުން

ކުދިން ކުޅިވަރު ފަރިތަކުރުމަކަށް ނުދާން ބަހަނާ ދައްކާނަމަ އެކަމާއި ބެހޭ ގޮތުން ކުދިންނާއި ސުވާލު ކުރަންވާނެއެވެ. އެ ކުދިން ނުދާން ބަހަނާ ދައްކަނީ ކީއްވެތޯ ބަލަންވާނެއެވެ.

ކުޅިވަރު ކުޅެން ކުދިން ނުދާން ބަހަނާ ދައްކަނީ، ފަހަރުގައި އެ ކުޅިވަރުތައް އެ ކުދިންނަށް މާބޮޑަށް ބުރަވުމުން ކަމަށްވެސް ވެދާނެއެވެ.

ކުދިންނަށް ހިންގޭ ކުޅިވަރު ހަރަކާތްތަކަކީ އެ ކުދިންގެ އުމުރު ފުރާ އާއި ގުޅޭ ގޮތަށް އަދި އުނގެނުމާއި މަޖާ ގޮތަކަށް ހިނގޭ ހަރަކާތަކަށްވުން މުހިންމެވެ.