ޓޯކިޔޯގެ އާ ނޭޝަނަލް ސްޓޭޑިއަމް ހުޅުވައިފި

ޓޯކިޔޯގެ އާ ނޭޝަނަލް ސްޓޭޑިއަމް، އާދިއްތަ ދުވަހު ހުޅުވައިފިއެވެ. މި ސްޓޭޑިޔަމް ހުޅުވުމުގެ ރަސްމިޔާތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބެ އަދި މި ޕުރޮޖެކްޓްގެ އާޓިޓެކްޓް ކެންގޯ ކުމާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސްޓޭޑިއަމް ހެދުމަށް 1.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވެފައިވާއިރު،  މިތަނަކީ 68,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. މިތަނުގައި އަންނަ އަހަރުގެ އޮލިމްޕިކްސް އަދި ޕެރެލިމްޕިކްސް ހުޅުވުމުގެ ރަސްމިޔާތު  އަދި ނިންމުމުގެ ރަސްމިޔާތު ކުރިޔަށް ދާނެއެވެ. ހަމަ އެޔާއެކު މި ސްޓޭޑިއަމް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ފުޓުބޯޅަމެޗު ތަކަށާއި އެތުލެޓިކްސް ހަރަކާތްތަކަށެވެ.

ޖަޕާނުގެ އާދަކާދަ ދައްކުވައިދޭ މި ސްޓޭޑިޔަމްގެ ފުރާޅުގައި ލަކުޑި ބޭނުންކޮށްފައިވާއިރު  މިތަނުގެ ގޮނޑިތަކުގައި ބޭނުންކޮށްފައިވަނީ ގުދުރަތީ ކުލަތަކެވެ. އަދި ބޭރަށް ފެންނަ ގޮތަށް 47,000 ގަސް އިންދާފައިވެއެވެ.

އުސެއިން ބޯލްޓްގެ ލޯންޗް އިވެންޓަކާއެކު، މި ސްޓޭޑިއަމް އާންމުންނަށް ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި ކުޅިވަރުތަކަށް ސްޓޭޑިއަމް ހުޅުވާލުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ސްޓޭޑިއަމްގައި ޓެސްޓްތަކެއް ކުރިއަށް ގެންދާނެއެވެ.