ކުދިންގެ ފަރާތުން ފެންނަ ބައެއް އާންމު އެލާޖީތައް

ބައެއް ކާބޯތަކެއްޗަށް ކުޑަކުދިން އެލާޖީވާ ވާހަކަ އަކީ އާންމު ވާހަކައެކެވެ.

ނިއުޔޯކްގެ އެލާނީ އެންޑް އެސްތްމާ ނެޓްވޯކްގެ އެލާޖިސްޓެއް ކަމަށްވާ "ޕުރްވީ ޕާރިކް" ވިދާޅުވި ގޮތުގައި އެލާޖީވުމަށް ދިމާވާ އެތައް ސަބަބުތަކެއް ހުރެއެވެ. އެލާޖީ އަކީ އާއިލީ ގޮތުން ވާރުތަވާ އެއްޗެއް ކަމަށާއި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އަކީ ކާ އެއްޗަކަށް އެލާޖީވާ މީހެއް ނަމަ، އެ ކާ އެއްޗަކަށް ދަރިފުޅު އެލާޖީވުމުގެ ފުރުސަތު 50 އިންސައްތައަށް އޮވެއެވެ.

އުޅޭ މާހައުލުގެ ސަބަބުންވެސް އެލާޖީ ވުމުގެ ފުރުސަތު އޮންނަކަން ފާހަގަކޮށް ޕުރްވީ ވިދާޅުވީ ތަރައްގީވެފައިވާ ސިޓީތަކުން ސާފުވައި ނުލިބޭ ކަމަށާއި ވެލިން ލިބޭ ރަނގަޅު ބެކްޓިރިއާ ނުލިބުމުގެ ސަބަބުންވެސް އެލާޖީގެ މައްސަލަ ކުރިމަތިވެދާނެ ކަމަށެވެ.

އެމެރިކާގެ "ސެންޓާސް ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 1997 އިން 2011 އަށް، 18 އަހަރުން ދަށުގެ ކުދިން ކާ އެއްޗެއްސަށް އެލާޖީވާ މިންވަރު ވަނީ 3.4 އިންސައްތަ އިން 5.1 އިންސައްތައަށް އިތުރުވެފައެވެ. ހަމުގެ އެލާޖީގެ މައްސަލަ މި މުއްދަތުގައި ވަނީ 7.4 އިންސައްތަ އިން 12.5 އިންސައްތައަށް އިތުރުވެފައެވެ.

މިއީ ކުޑަކުދިންގެ ފަރާތުން މިހާރު އާންމުކޮށް ފެންނަ ބައެއް އެލާޖީތަކެވެ.

ފެކްޓްރީތަކުން އުފައްދާ ކިރު

އެމެރިކާގެ އެސްތްމާ އެންޑް އެލާޖީ ފައުންޑޭޝަނުން ހާމަކުރާ ގޮތުގައި ކުޑަކުދިންގެ މެދުގައި އެންމެ އާންމު އެއް އެލާޖީ އަކީ، އުފައްދާފައިވާ ކިރަށްވާ އެލާޖީއެވެ. ޕެކެޓްފަދަ ތަކެތީގައި ހުންނަ މި ބާވަތުގެ ކިރަށް އެލާޖީވާ ބައެއް ކުދިންނަށް ހޮޑު ލެވޭއިރު، ބައެއް ކުދިންނަށް ހަޖަމްކުރުމުގެ ނިޒާމުގެ މައްސަލަތައް ދިމާވެއެވެ.

ބިސް

ކުކުޅު ބިހަށް އެލާޖީވާ ކުދިންގެ އަދަދުވެސް ނިސްބަތުން ވަރަށް ގިނައެވެ. ބިހަށް އެލާޖީވާ ބައެއް ކުދިންގެ ހަށިގަނޑުގައި ރަތްކުލައިގެ ފިތްތަކެއް ނަގައެވެ. އަދި އެލާޖީގެ ސަބަބުން ހޮޑުލެވުމަކީވެސް އާންމުކަމެކެވެ.

ޕީނަޓް އެލާޖީ

އެމެރިކާގެ އެސްތްމާ އެންޑް އެލާޖީ ފައުންޑޭޝަނުން ހާމަކުރާ ގޮތުގައި އެމެރިކާގެ ކުޑަކުދިންގެ ތެރެއިން ޕީނަޓަށް އެލާޖީވާ ކުދިންގެ ނިސްބަތް އުޅެނީ 0.6 އިންސައްތައިގައެވެ. މި އަދަދަކީ ނިސްބަތުން މަދު މިންވަރެއް ނަމަވެސް މިއީ އަޅާނުލާ ދޫކޮށްލަންވާވަރުގެ ކަމެއް ނޫން ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

ސީފުޑް

ކަނޑުމަހާއި ބޯވަ އާއި ޝްރިމް ފަދަ ތަކެއްޗަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ތަކެއްޗެވެ. މިއީވެސް ބައެއް މީހުން އެލާޖީވާ ތަކެއްޗަށްވާތީ ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ސީފުޑް އެލާޖީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހޮޑުލެވުމާއި، ހަށިގަނޑު ދުޅަވުމާއި ބޭރަށް ހިނގުން ހިމެނެއެވެ.

މޫސުން ބަދަލުވުމުން ދިމާވާ އެލާޖީ  

މިއީވެސް ވަރަށް އާންމުކޮށް ކުދިންނަށް ދިމާވާ ކަމެކެވެ. މޫސުން ބަދަލުވުމުން ނުވަތަ އުޅޭ މާހައުލު ބަދަލުވުމުން، ރޯގާ ޖެހުން، އަރިދަފުސް އައުން، ކަރަށް ތަދުވުން، ކެއްސުން ފަދަ ކަންކަން ދިމާވެއެވެ.

 

ކާބޯތަކެއްޗަށް އެލާޖީވާ ކުދިންނަށް އެކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަކީ މުހިންމު ކަމެކެވެ. އަދި ގާތްތިމާގެ ނުވަތަ ރައްޓެހި ކުދިންގެ ގޭގެއަށްގޮސް ކައިބޮއެ ހަދާނަމަ، އެ މީހުންނަށްވެސް މި މައުލޫމާތު ދޭންވާނެއެވެ.