އިލެކްޓްރޯނިކް ޑިވައިސްތަކާއި ކުޅޭ ކުދިންގެ ނިންޖަށް ނޭދެވޭ އަސަރުކުރޭ

ދަރިފުޅު ރަނގަޅަށް ނިދާ ހެއްޔެވެ؟ އުމުރުން ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ކޮންމެ ރެއަކުވެސް 10 ގަޑިއިރާއި 11 ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ. އަދި ފުރާވަރުގެ ކުދިންނަށް ކޮންމެ ރެއަކުވެސް ނުވަ ގަޑިއިރާއި 10 ގަޑިއިރުގެ ނިދި ބޭނުންވެއެވެ.

ތަޖުރިބާކާރުން ލަފާދީފައިވާ މިންވަރަށް މިހާރުގެ ގިނަ ކުދިންނަށް ނުނިދޭ ކަމަށް ކުރެވިފައިވާ ބައެއް ދިރާސާތަކުން ވަނީ ހާމަވެފައެވެ. އަދި އޭގެ ނޭދެވޭ ނަތީޖާ ކިޔެވުމަށާއި އެނޫން ކަންކަމަށް ކުރާކަން ވަނީ ހާމަވެފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުޑަކުދިން ނިދާ ގަޑީގައި އިލެޓްރޯނިކް ޑިވައިސްއާއި ކުޅުމުގެ ފުރުސަތު ދިނުމަކީ އެ ކުދިން ނިދުމާއި ދުރުވާ އެއް ސަބަބެވެ. އެފަދަ ޑިވައިސްތަކުގެ އަޑާއި އައްޔަކީ ކުދިންގެ ނިންޖަށް ހުރަސްއަޅާ ކަމެކެވެ.

މިފަދަ ޑިވައިސްތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ކުދިން ނިދާ ގަޑީގެ ދެ ގަޑިއިރު ކުރިން ފެށިގެން އެ ފަދަ ޑިވައިސްތައް ބޭނުންކުރުމުގެ ފުރުސަތު ކުދިންނަށް ނުދޭށެވެ. ހަނދާންކޮށްލަން ޖެހޭ ކަމަކީ މިފަދަ ކަންކަމުގައި ބެލެނިވެރިން ނަމޫނާ ދައްކަން ޖެހޭނެ ކަމެވެ. އެގޮތުން ކުދިން ނިދުމަށް ތައްޔާރުވަމުންދާއިރު ބެލެނިވެރިންވެސް އިލެޓްރޯނިކް ޑިވައިސްތަކާއި ދުރުގައި ތިބޭތަން ކުދިންނަށް ފެންނަންވާނެއެވެ.