ގިނައިރު އިށީނދެގެން އިނުމުން ހިތުގެ މައްސަލަތައް ޖެހޭ

މާގިނައިރު އިށީނދެގެން އިނުމަކީ ހިތުގެ މައްސަލަތައް ދިމާވާ ކަމެއްކަން ދިރާސާއަކުން ދައްކައިފިއެވެ.

ދިރާސާ އިން ހާމަވި ގޮތުގައި، މާބޮޑަށް ހަރަކާތްތެރިވެ ނޫޅެ ގިނަ ވަގުތު މަޑުން އިށީނދެގެން އިންނަ ކަމުގައިވާނަމަ، ހިތުގެ މަސްތަކަށް ގެއްލުންވާކަމުގެ އަލާމާތްތައް ފެންނަން ފަށައެވެ.

ކަސްރަތު ކުރިކަމުގައި ވީނަމަވެސް މާގިނައިރު އިށީނދެގެން އިނުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. ކޮންމެ ދުވަހަކު، ނުވަ ގަޑިއިރު ނުވަތަ 10 ގަޑިއިރު އިށީނދެގެން ހޭދަކުރާނަމަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

އެހެންކަމުން މިއީ، ގޮނޑީގައި ގިނައިރު އިށީނދެގެން އިނދެ ވަޒީފާ އަދާކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަކަށް މިވަނީވެފައެވެ.

ގިނައިރު އިށީނދެގެން އިނުމުގެ ސަބަބުން، ހިތުގެ މަސައްކަތް ދަށްވެއެވެ. ނަތީޖާއަކީ ހަށިގަނޑު އޮކްސިޖަނޭޓް ކުރުމަށް ބޭނުންވާ ވަރަށް ލޭ ޕަމްޕްކޮށް ނުދިނުމެވެ. މީގެ ސަބަބުން ހިތް ފެއިލްވުމުގެ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

މާ ގިނައިރު އިށީނދެގެން އިނުމުން ގެއްލުންވަނީ ހަމައެކަނި ހިތަކަށް ނޫނެވެ. މިކަމުގެ ސަބަބުން ސިއްހީ އިތުރު މައްސަލަތަކަށް މަގުފަހިކުރުވައެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ކެންސަރަށް މަގުފަހިވުމާއި ހަކުރު ބައްޔަށް މަގުފަހިވުން ހިމެނެއެވެ. އަދި އުނަގަނޑަށް ތަދުވުންފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.