ފްލައިޓަކުން ފަތުރުވެރިން ފައިބަނީ: ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް

މިއަދު ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަދު ރާއްޖެއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަދު ރާއްޖެއަށް 5100 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހެވެ.

މިއަހަރުގެ މިހާތަނަށް 159،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި 92،103 ފަތުރުވެރިން ހިމެނެއެެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން 36،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކުރި ގައުމަކީ ރަޝިއާއެވެ. އެގައުމުން 34،500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.