ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6.5 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.5 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 151،552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 55 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕްގެ ގައުމުތަކުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 83.528 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 36.4 އިންސައްތައިގެ ހިއްސާއަކާއެކު އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ.  އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 55،116 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.