ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ފައިލް ފޮޓޯ ޓޫރިޒަމް މިނިސްޓްރީ

ޔޫރަޕްގެ ކްލަބެއްގެ އޮފިޝަލް ސްޕޮންސާއަށް ރާއްޖެ

ޔޫރަޕްގެ ފުޓްބޯޅަ ކްލަބެއްގެ އޮފިޝަލް ސްޕޮންސާގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި، "ވިޒިޓް މޯލްޑިވްސް" ލޯގޯ ޖަހަނީ ސްޕެއިންގެ ސެލްޓަވިގޯގެ ޖޯޒީގައެވެ. ތިން އަހަރުގެ މުއްދަތަކަށް އެ ކްލަބްގެ ޖޯޒީގައި ރާއްޖޭގެ އިސްތިހާރު ޖެހުމަށް ނިންމާފައިވާއިރު އެކަމަށް އަހަރަކު 900،000 ޑޮލަރު ރާއްޖެއިން ދައްކަން ޖެހެއެވެ.

ސެލްޓަވިގޯގައި ރާއްޖެ އިސްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އިސްތިހާރު ކުރުމަށް އަހަރަކު 900،000 ޑޮލަރު ދައްކަން ޖެހެއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

"މި އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯގެ އޮފިޝަލް ސްޕޮންސާ އާއި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަންގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް ޖާޒީ އާއި ޓްރެއިނިން ޖާޒީ އާއި ސްޓާފުންނާއި ޓްރެއިނިން ސްޓާފުންގެ ޔުނިފޯމުގައި ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުން ކުރެވޭނެ" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ސެލްޓަވީގޯގެ ސްޓޭޑިއަމް އާއި ކްލަބް ދަތުރުކުރާ ބަހުގައިވެސް "ވިޒިޓް މޯލްޑިވްސް" ގެ އިސްތިހާރު ޖެހިގެންދާނެ ކަމަށާއި އާންމުންނަށް ވިއްކަން ހުންނަ އެ ކްލަބްގެ ޖޯޒީގައިވެސް ރާއްޖޭގެ އިސްތިހާރު ޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިސްތިހާރު ޖެހުމަށް ނިންމާފައިވާ ކްލަބް މިވަގުތު އޮތީ ލަލީގާގެ 18 ވަނައިގައެވެ.