ވެލާ ޕްރައިވެޓް އައިލެންޑް؛ ފައިލް ފޮޓޯ ވެލާ

އެންމެ ބޮޑު ސާވިސް ޗާޖެއް މިފަހަރުވެސް ދިނީ ވެލާ ރިސޯޓުން

ސާވިސް ޗާޖުގެ ގޮތުގައި ޖޫން މަހު އެންމެ ބޮޑު އަދަދެއް، މުވައްޒަފުންނަށް ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ވެއްޖެއެވެ.

ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ "މޯލްޑިވްސްއެސްސީ.ކޮމް" ގައިވާ ގޮތުން ޖޫން މަހު ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 740.40 ޑޮލަރު (11،416.97ރ.) ދީފައެވެ. މިއަހަރުގެ މޭ މަހުވެސް ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. މޭ މަހު، ސާވިސް ޗާޖުގެ ގޮތުގައި 1509.98 ޑޮލަރު (23،283.89ރ.) އެ ރިސޯޓުން ވަނި ދީފައެވެ.

ޖޫން މަހު، ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދެވަނައަށް އެންމެ ބޮޑު އަދަދެއް ދީފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 620 ޑޮލަރު (9،560.40ރ.) ދީފައެވެ.

"މޯލްޑިވްސްއެސްސީ.ކޮމް" ގައި މިހާތަނަށް ހިމަނާފައިވަނީ ރާއްޖޭގެ 55 ރިސޯޓަކުން، ޖޫން މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިން މިންވަރެވެ.