ދިރާގުގެ މުވައްޒަފުންތަކެއް، ދިރާގު ހެޑް އޮފީސް ކައިރީގައި: ފައިލް ފޮޓޯ ދިރާގު

ކޮވިޑް-19: ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކޮށްފި

ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތައް މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފިއެވެ.

މުވާސަލާތީ ކުންފުނި، ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ބެހޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުގެ ދަށުންނެވެ.

"މިދުވަސްވަރު އަޅުގަނޑުމެން ކަސްޓަމަރުންނަށް އިލްތިމާސްކޮށްލަން ބޭނުން ވަނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ޚިދުމަތްތައް މެނޭޖްކުރެއްވުމަށް" ދިރާގުން ބުންޏެވެ.

ދިރާގާއި ކޮންމެހެން ގުޅަން ޖެހިއްޖެ ހާލަތެއްގައި، ދިރާގު ވެބްސައިޓުގައި ވާ ލައިވް ޗެޓް، އައިމެސެޖިން، ވައިބާ ހެލްޕް އަދި ފޭސްބުކް މެސެންޖާ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުން ކުރެއްވުމަށް އެ ކުންފުނިން ވަނީ އެދެފައެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ އެ ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް އެހީތެރިވެ، ލުއި ފަސޭހަ ފޯރުކޮށްދިނުމަށެވެ.