ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނު ތައާރަފުކުރުމަށް ދިރާގުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ދިރާގު

ދިރާގުން، ސެމްސަންގް ގެލެކްސީ އެސް 10 ފޯނު ރާއްޖެއަށް ތައާރަފުކޮށްފި

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 10 އާއި އެސް 10 ޕްލަސް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ދިރާގުން ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ވަނީ ކަސްޓަމަރުންނަށް ދައްކާލާފައެވެ.

ގެލެކްސީ އެސް 10 އަދި ގެލެކްސީ އެސް 10 ޕްލަސް ފޯނު ޕްރީ އޯޑާ ކުރުމަށް މިމަހުގެ 8 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި ޕްރީ އޯޑާ ކުރާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފޯނު ކަސްޓަމަރަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ސެމްސަންގް ގެލެކްސީ އެސް 10 ޕްލަސްގެ ސްޓޯރޭޖްގައި 1 ޓީބީ ހުންނަ ފޯނުވެސް ހުރެއެވެ. 1 ޓީބީގެ ސްޓޯރޭޖް ހުންނަ ފޯނުގައި 12 ޖީބީގެ ރެމްއެއް ހުރެއެވެ. އޭގެ އިތުރުން 128 ޖީބީ އާޢި 512 ޖީބީގެ ސްޓޯރޭޖް ހުންނަ ފޯނުވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ފޯނުތަކުގައި ހުންނަނީ 8 ޖީބީގެ ރެމްއެކެވެ.

މި ފޯނުގައި ޖުމުލަ 5 ކެމެރާ ހިމެނެއެވެ. އެގޮތުން ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 މެގަޕިކްސެލްގެ ވައިޑް ކެމެރާއަކާއި 12 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެއްގެ އިތުރުން 16 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެކެވެ. އޭގެ އިތުރުން ސެލްފީއަށް ހާއްސަކޮށް 10 މެގަޕިކްސެލްގެ ކެމެރާއަކާއި 8 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ.

މި ފޯނަކީވެސް ފާސްޓްޗާޖިން އަދި ފާސްޓް ވަޔަރލެސް ޗާޖިން ޓެކްނޮލޮޖީ ހިމެނޭ ފޯނެކެވެ.