ޒޯން 1 ގެ ބައެއް ރަށްރަށުގައި ފެރީ ޓާމިނަލް އަޅާނެ ސަރަހައްދުތައް ހުށަހަޅައިފި
ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ޕްރޮޖެކްޓްގެ ޒޯން އެކެއްގެ ބައެއް ރަށްރަށުގައި ފެރީ ޓާމިނަލް އަޅާނެ ސަރަހައްދުތައް ހުށަހަޅައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިމެނޭ ގޮތަށް ޓީމަކުން ދަނީ މި މަޝްރޫއަށް މިހާރު ސާވޭއެއް ކުރަމުންނެވެ.
އެމްޓީސީސީ އިން ހާމަކުރި ގޮތުގައި މިހާތަނަށް ހއ. ވަށަފަރު، ތަކަންދޫ، މާރަންދޫ، އުލިގަން، ތުރާކުނު، އިހަވަންދޫ އަދި މޮޅަދޫގައި ފެރީ ޓާމިނަލް އަޅާނެ ސަރަހައްދު ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން ހއ. ދިއްދޫ، މުރައިދޫ، ފިއްލަދޫ، ކެލާ، އަދި އުތީމުގައި ފެރީ ޓާމިނަލް އަޅާނެ ސަރަހައްދުވެސް ވަނީ ހުށަހަޅާފައެވެ. ހދ. އަތޮޅުން ނޮޅިވަރަން އަދި ހަނިމާދޫގައި ޓާމިނަލް އަޅާނެ ސަރަހައްދު މިހާރު ވަނީ ހުށަހަޅާފައެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ އަދި ށ. އަތޮޅުގެ ރަށްތަކެވެ.
ރައީސް އޮފީހުން މިއަހަރުގެ ޖެނުއަރީ މަހު ހާމަކުރި ގޮތުގައި އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.
ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ އޭރު ވަނީ ބުނެފައެވެ. މި ގޮތުން ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ.