އެމްޓީސީސީގެ ހިއްސާގެ ފައިދާ ނުބެހުމަށް ނިންމައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ނުބެހުމަށް ނިންމައިފިއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ، ހިއްސާދާރުންނަށް ނުބެހުމަށް ނިންމާފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ. އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބެހުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 އިންސައްތަ ވޯޓުންނެވެ.
ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި، އެމްޓީސީސީގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރުން ވަނީ ކަނޑައަޅާފައެވެ. އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް އިންތިހާބުކުރަން ހުށަހެޅި، އައިޝަތު ހުސައިން މަނިކު، ފަތުހުﷲ އިސްމާއީލް، އަހުމަދު އަބޫބަކުރު އަދި ނާޝިމާ އަބްދުލްލަތީފުގެ ތެރެއިން ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުން ބޯޑަށް އިންތިހާބުވެވަޑައިގަތީ ފަތުހުﷲ އިސްމާއިލް އާއި އަހުމަދު އަބޫބަކުރެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރައްވާފައިވަނީ މުހައްމަދު ފަހީމް (ޗެއާމަން) އާއި ހަސަން ޝާހް (ސީއީއޯ) އާއި ޝާހިދު ހުސައިން މޫސާ (ޑިރެކްޓަރު) އާއި އަބްދުﷲ ޝާއިރު (ޑިރެކްޓަރު) އަދި ސިނާން އަލީ (ޑިރެކްޓަރު) އެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 1.28 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހަރަދަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 34 މިލިއަން ރުފިޔާއެވެ. އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން 2017 ވަނަ އަހަރާއި އަޅާބަލާއިރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ދަށްވެފައެވެ. ފައިދާ ދަށްވީ ސިނަމާލެ ބްރިޖްގެ ސަބަބުން މާލެ-ހުޅުލެ އަދި މާލެ-ހުޅުމާލެ އަށް އެމްޓީސީސީން ކުރަމުން އަންނަ ފެރީގެ ޑިމާންޑް ދަށްވުމާއި މަހާ ޖައްރާފަށް ކުރަން ޖެހުނު ހަރަދުތަކުގެ ސަބަބުންނެވެ.