އެމްޓީސީސީ ހެޑް އޮފީސް: ފައިލް ފޮޓޯ އެމްޓީސީސީ ފޭސްބުކް ޕޭޖް

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ މެރިން އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިޔުމަށް ޝައުގުވެރިވާ ފަރާތްތައް ތަމްރީން ކުރުމުގެ ގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން އެޕްރެންޓިސްޝިޕް-މެރިން މެކޭނިކް ޓްރެއިނީގެ މަގާމަށް ހަތަރު ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްޓީސީސީ އިން ބުނި ގޮތުގައި އެޕްރެންޓިސްޝިޕް ކުރިއަށްދާނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހަށެވެ. އެޕްރެންޓިސްޝިޕްގައި މަސައްކަތްކުރަން ޖެހޭނީ ވިލިނގިލި ޓާމިނަލްގެ އާފްޓަ ސޭލްސް ސާވިސް ޔުނިޓްގައެވެ.

ޕްރޮގްރާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ފަރާތެއް ކަމުގައިވުމާއި، މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަނގަޅު މީހަކު ކަމުގައިވުން ހިމެނެއެވެ. އެޕްރެންޓިސްޝިޕަށް ހޮވޭ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި މަހަކު 2500 ރުފިޔާ ދޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ލިބިފައިވާ ތައުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހަޅަން ޖެހެނީ އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މިމަހުގެ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިންނެވެ.