އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ފޮޓޯ އެމްޓީސީސީ

އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ 40 އިންސައްތަ ނިމިއްޖެ

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާދިއްތަ ދުވަހު ހާމަކުރި ގޮތުގައި، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

އެ މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ އެކްސްކަވޭޝަން މަސައްކަތާއި ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެ މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އަށް ހަވާލުކުރީ 33.5 މިލިއަން ރުފިޔާއަށެވެ.