އެމްޓީސީސީ ހެޑް އޮފީސް: ފައިލް ފޮޓޯ އެމްޓީސީސީ ފޭސްބުކް ޕޭޖް

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ މައުލޫމާތު އަދާހަމަކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާންމު ހިއްސާދާރުންގެ މައުލޫމާތު އަދާހަމަކުރުމަށް، މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީ ގިނަ އާންމު ހިއްސާދާރުންނަކީ 1980 ވަނަ އަހަރު ކުންފުނި އުފެނުނުއިރު ހިއްސާ ގަނެ، ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ކަމަށެވެ.

"ފާއިތުވި 39 އަހަރުގެ ތެރޭގައި އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހަށް ބަދަލު އައުމުގެ އިތުރުން ބައެއް ހިއްސާދާރުން ނިޔާވެފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފަ" ކަމަށް އެމްޓީސީސީގެ އިއުލާނުގައިވެއެވެ.

ހިއްސާދާރުންގެ ރަޖިސްޓްރީ ފުރިހަމަ ކުރުމަށްޓަކައި، އެމްޓީސީސީގެ އެއްވެސް ހިއްސާދާރެއްގެ ފުރިހަމަ ނަމަށް، ދާއިމީ އެޑްރެހަށް، ރަށްވެހިވެފައިވާ ރަށަށް ނުވަތަ ގުޅޭނެ ފޯނު ނަންބަރަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެ ހިއްސާދާރެއްގެ ފޮޓޯ ޖެހި ރަސްމީ ލިޔުމަކާއެކު ހިއްސާގެ ސެޓްފިކެޓްގެ ކޮޕީއެއް އެމްޓީސީސީއަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެމްޓީސީސީގެ ހިއްސާދާރެއް ނިޔާވެފައިވާނަމަ، ވާރިސުންގެ ފަރާތުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީހަށް ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވެއެވެ.