ފްލައިޓަކުން ފަތުރުވެރިން ވީއައިއޭއަށް ފައިބަނީ: ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 260،000 އަށް އަރައިފި

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 260،000 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 260،334 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 31.9 އިންސައްތަ މަދު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 382،279 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޔޫކްރެއިންނެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 683 ޓޫރިސްޓް ފެސިލިޓީއެއްގައި 45،839 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ ގޮތުން 150 ރިސޯޓް / މެރީނާސްގައި 34،656 އެނދު އޮޕަރޭޓް ކުރަމުންދާއިރު 385 ގެސްޓްހައުސްގައި 7026 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.

އޭގެ އިތުރުން 137 ސަފާރީ އުޅަނދުގައި 2699 އެނދު އަދި 11 ހޮޓަލެއްގައި 1458 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.