އެމްޓީސީސީ އިން މަޝްރޫއެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ އެމްޓީސީސީ

އެމްޓީސީސީއަށް ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ

ޓެކުހަށް ކެނޑުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާ އޮޑިޓްނުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 423.32 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި، އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 423.01 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުއާޓަރުގައި ކުންފުންޏަށް ލިބުނީ 61.67 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 86 މަޝްރޫއެއް އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ޑިވިޝަންއިން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ހާބަރު، އެއާޕޯޓް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. އޭގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައްވެސް އެ ކުންފުނިން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދެ މަޝްރޫއެއް ނިންމާލެވުނުއިރު 10 މަޝްރޫއެއް އަލަށް ފެށިފައިވާ ކަމަށާއި ނުވަ މަޝްރޫއެއް ކުންފުންޏާއި ހަވާލުކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.