ދިރާގުން އައިފޯން 11 ޕްރޯގެ ޕްރީ އޯޑަރު ނަގަން ފަށަނީ
އެޕަލްގެ އެންމެ ފަހުގެ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްްރޯ މެކްސް ފޯނަށް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ޕްރީ އޯޑަރު ކުރުމަށް ހުޅުވާލުމަށް ދިރާގުން ނިންމައިފިއެވެ.
ދިރާގުން ބުނީ ޕްރީއޯޑަރަށް ހުޅުވާލުމާއެކު ދިރާގުގެ ވެބްސައިޓް މެދުވެރިކޮށްވެސް ފޯނަށް ޕްރީއޯޑަރު ކުރެވޭނެ ކަމަށާއި އިންސްޓޯލްމަންޓަށްވެސް ފޯނު ބައްލަވައިގަނެވޭނެ ކަމަށެވެ. އައިފޯނު 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގެ އަގު އަދި ދިރާގުން ހާމައެއް ނުކުރެއެވެ.
އެޕަލް އިން އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ތައާރަފު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި ދެ މޮޑެލްގެ 64 ޖީބީ އާއި 256 ޖީބީ އަދި 512 ޖީބީގެ ފޯނު ވަނީ ތައާރަފުކޮށްފައެވެ.
އައިފޯނު 11 ޕްރޯގައި 5.8 އިންޗް ޑިސްޕްލޭއެއް ހުންނައިރު އައިފޯނު 11 ޕްރޯ މެކްސްގައި ހުންނަނީ 6.5 އިންޗް ޑިސްޕްލޭއެކެވެ. ދެ މޮޑެލްގައިވެސްވަނީ އޭ13 ބަޔޮނިކް ޗިޕެކެވެ.
ދެ މޮޑެލްގެ ފޯނުގެ ފަހަތުގައި 12 މެގަޕިކްސެލްގެ ތިން ކެމެރާ ހިމެނެއެވެ. މީގެ ތެރެއިން އެއް ކެމެރާއަކީ އަލްޓްރާ ވައިޑް ކެމެރާއެކެވެ. ދެން ހިމެނެނީ ވައިޑް ކެމެރާއަކާއި ޓެލެފޮޓޯ ކެމެރާއެކެވެ.