ކޮވިޑް19: ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ ޑޭޓާ ހިލޭ

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗް އަދި އެޕްރީލް މަހުގައި 30 އިންސައްތަ ހިލޭ އިތުރު އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

މިއީ ކޮވިޑް 19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި އޭގެ ތަފުސީލު ހާމަކުރާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް މިވަގުތަށް ވަނީ ބަންދުކޮށްފައެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމަށް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.