ނޮވެމްބަރުގެ ނިޔަލަށް މީރާއަށް 15 ބިލިއަން ރުފިޔާ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، މިއަހަރުގެ ޖެނުވަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 15.22 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާ އިން އާންމުކުރި މިއަހަރުގެ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުވަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް، ޓެކްސް އާއި އެނޫން އާމްދަނީގެ ގޮތުގައި މީރާއަށް ދިވެހި ރުފިޔާގެ ގޮތުގައި 6.33 ބިލިއަން ރުފިޔާ އަދި 579.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބިފައިވަނީ ޖުމްލަ 14.91 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާއިން ލިބުނު 6.34 މިލިއަން ރުފިޔާ އާއި ޑޮލަރުގެ ގޮތުގައި ލިބުނު 558 މިލިއަން ޑޮލަރެވެ.
މިއަހަރުގެ ޖެނުވަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 46.5 އިންސައްތައަކީ ޖެނެރަލް ޖީއެސްޓީ އަދި ޓީ ޖީއެސްޓީ ގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީއެވެ. ޖީއެސްޓީގެ ގޮތުގައި މީރާއަށް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހަތް ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު އާމްދަނީގެ 18.2 އިންސައްތައަކީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ އަދި ވިތުހޯލްޑިން ޓެކްސް ހިމެނޭ ގޮތަށް) ގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީއެވެ. ބީޕީޓީގެ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް މީރާ މެދުވެރިކޮށް ދައުލަތަށް 662.9 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު އާމްދަނީގެ 4.4 އިންސައްތައެވެ.
އަހުމަދު
ނިކަމެތި ރައްޔިތު މީހާ ވެސް މުއްްސަނދި ރައްޔިތު މިހާވެސް ޖީއެސްޓީ ދައްކަން ޖެހެނީ އެއް ވަރަކަށް. ނިކަމެތި މީހާ ނިކަމެތިވާއިރު މުއްސަނދި މީހާ ހައްތަހާ މުއްސަނދި