މީރާގެ މުވައްޒަފަކު ހިދުމަތް ދެނީ: ފައިލް ފޮޓޯ މީރާ

ޖޫން މަހު މީރާއަށް ލިބުނީ 1.49 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ފާއިތުވި ޖޫން މަހު ދައުލަތަށް 1.49 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަކީ 2018 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 15.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މި ޖޫން މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ އަދަދަށްވުރެ ނުވަ އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ޖޫން މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގަތް 55 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނިއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި ޖޫންމަހު މީރާއަށް 462 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖޫން މަހު މީރާއަށް ލިބުނު އާމްދަނީގެ 31.1 އިންސައްތައެވެ.

މީރާއަށް ޖޫންމަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީގެ ގޮތުގައެވެ. ބީޕީޓީގެ ގޮތުގައި ޖޫން މަހު މީރާއަށް 320 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޖޫން މަހު މީރާއަށް ލިބުނު އާމްދަނީގެ 21.5 އިންސައްތައެވެ.