ތެލެވެލިގާގެ ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްފި
އދ. ތެލެވެލިގާ ގެ ކުލީގެ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް މ. ސަލްޖަމްއާގެ އަހުމަދު އާތިފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެރަށް ކުއްޔަށް ދިނުމާއި ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އާއި އަހުމަދު އާތިފްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން، އދ. ތެލެވެލިގާ ގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 46،581.25 ރުފިޔާ އާއި ކުލީގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ކުލީގެ ފައިސާ ދައްކާފައިނުވާތީ 1 އެޕްރީލް 2011 އިން 21 ޖޫން 2011 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 24،382.88 ރުފިޔާ، އެކު ޖުމްލަ 70،964.13 ރުފިޔާ ވަނީ އަރާފައެވެ.
އެ ފައިސާއަކީ އަހުމަތު އާތިފްގެ ފަރާތުން ދިވެހި ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ޘާބިތުވާ ކަމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަހުމަދު އާތިފްގެ ފަރާތުން ދިވެހި ދައުލަތަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 70،964.13 ރުފިޔާ 9 ޖުލައި 2019 އިން ފެށިގެން މީލާދީ ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު ދައްކަމުން ގޮސް އެ އަދަދު މީރާއަށް ދައްކައި ހަލާސްކުރުމަށް އަހުމަދު އާތިފަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އދ. ތެލެވެލިގާގައި މިހާރު ވަނީ 10 ބީޗް ވިލާ އަދި 20 ވޯޓާ ވިލާ ހިމެނޭ ކުޑަކުޑަ ހިތްގައިމު ރިސޯޓެއް ތަރައްގީކޮށްފައެވެ. ބޭންކް އޮފް ސިލޯނުން ކާސްޓްއަވޭ މޯލްޑިވްސް އަށް ދޫކުރި ލޯނަކަށް ފައިސާ ނުދައްކާތީ، އެ ލޯނު ނެގުމަށް ރަހުނުކުރި އދ. ތެލެވެލިގާ ރިސޯޓު ވިއްކާލަން އެ ބޭންކުން ވަނީ އިއުލާނުކޮށްފައެވެ.