މީރާއަށް 16 ބިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 16.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރު އެ އިދާރާއިން ބަލައިގަތް އާމްދަނީއަކީ 2017 ވަނަ އަހަރާއި އަޅާބަލާއިރު ހަތެއް އިންސައްތައިގެ އިތުރުވުމެކެވެ. ޓެކްސާއި ފީގެ ގޮތުގައި 2017 ވަނަ އަހަރު މީރާއަށް ލިބިފައިވަނީ 15.2 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 7.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މީރާއަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީގެ ގޮތުގައެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 2.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.