މީރާއިން ހިދުމަތްދެނީ: ފައިލް ފޮޓޯ މީރާ

ޖޫން 11 ގެ ކުރިން މީރާގެ ކައުންޓަރުތައް ހުޅުވާނުލާނެ

ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމަށް، ޖޫން މަހުގެ 11 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވައިނުލާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިއަދުން ފެށިގެން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ވަކި އުސޫލެއްގެ ދަށުން ހުޅުވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މީރާއިން ކުރި އިއުލާނެއްގައި ބުނީ ޖޫން 11 ގެ ނިޔަލަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު އިދާރާތަކުން ހުޅުވައިނުލުމަށް ސަރުކާރުން ނިންމާފައިވާތީ، އެ މުއްދަތުގައި އެ އޮތޯރިޓީ ހުޅުވައިގެން ކައުންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މީރާ ހުޅުވާފައި ނުވެއެއެވެ.

:"މި މުއްދަތުގައި ގިނަ ސުންގަޑިތަކެއް އައިސްފައިވާތީ، މި މުއްދަތުގައި އައިސްފައިވާ ހުރިހާ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ ބަންދަށްފަހު އޮފީސް ހުޅުވާ ދުވަސްކަމުގައި ވެއްޖެނަމަ، ޓެކްސް ދައްކާ ފަރާތްތަކުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށާއި، އިޖުތިމާއީ ގައިދުރުކަމާއެކު ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ދިމާވާނެތީ، ސުންގަޑި ކަނޑައަޅާނީ މި މުއްދަތުގައި ފާއިތުވެފައިވާ ހުރިހާ ސުންގަޑިއެއްގެ އައު ސުންގަޑިއަކީ އޮފީސް ހުޅުވާ ދުވަސް ކަމުގައި ނުވާނެ ގޮތަކަށެވެ." މީރާގެ އިއުލާނުގައިވެއެވެ. އައު ސުންގަޑީގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް މިރާއިން ވަނީ ބުނެފައެވެ.

މީރާއިން ބުނީ މި މުއްދަތުގައި އެ އޮތޯރިޓީ ހުޅުވައިގެން ހިދުމަތް ނުދެވުނު ކަމުގައި ވީނަމަވެސް، މީރާގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށެވެ. އޮންލައިންކޮށް ލިބެންހުރި ހިދުމަތްތައް އޮންލައިންކޮށް ހޯއްދެވުމަށް މީރާއިން ވަނީ އެދިފައެވެ.