ނ. މިލަދޫ ބަނދަރު - ފޮޓޯ އެމްޓީސީސީ

މިލަދޫ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިއްޖެ

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި ނ. މިލަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށިލުމުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 42.1 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތާއި 1430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މި މަޝްރޫއުގެ ދަށުން ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.