މީރާއަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު، ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު އެ އިދާރާއަށް ލިބުނީ 1.22 ބިލިއަން ރުފިޔާއެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ 3.2 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީއަކީ އެމަހު ލިބޭނެ ކަމަށް އަންފާޒާކުރި އާމްދަނީއަށްވުރެ 13 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 56.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 519 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ 42.6 އިންސައްތައެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 328 މިިލިއަން ރުފިޔާ މިރާއަށް ލިބިފައިވާއިރު އެއީ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 26.9 އިންސައްތައެވެ.