ބ. ފުޅަދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ : ފޮޓޯ އެމްޓީސީސީ

ބ. ފުޅަދޫ ބަނދަރު މަޝްރޫއުގެ 87 އިންސައްތަ ނިމިއްޖެ

ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ފެށިފައެވެ. މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެެވެ.

މި މަޝްރޫއުގެ ދަށުން، 51,861.5 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫއަކީ 49.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.