ފޮޓޯ: އެމްޓީސީސީ

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމަށް ގަލުގެ 3 ވަނަ ޝިޕްމެންޓް ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. އަދި 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.