މާލެ ތެރޭގައި ބަހުގެ ހިދުމަތް ދޭން ބޭނުންކުރާ އާރްޓީއެލްގެ ބަހެއް- ފޮޓޯ އެމްޓީސީސީ

އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ހިދުމަތް ފެށުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

ބަހުގެ ހިދުމަތް ދިނުމަށްޓަކައި މިމަހުގެ 16 ވަނަ ދުވަހު، 36 ބަސް ވަނީ ރާއްޖެ ގެނެސްފައެވެ. މިމަހުގެ ފަހުކޮޅު އިތުރު ފަސް ބަސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

"އަލަށް ގެނެވުނު ބަސްތަކުގައި 18 ނުވަތަ 20" މީހުންގެ ޖާގަ ހުންނާނެ" އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 12 ބަސް ބޭނުންކުރާނެއެވެ. އަދި މާލޭގައި ދެ ރޫޓަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫސިޓީ (ފޭދޫ-ހިތަދޫ) ގައި ބަހުގެ ހިދުމަތް ދިނުމަށް އަށް ބަސް ބޭނުންކުރާއިރު ހަތަރު ރޫޓަކުން ހިދުމަތް ދޭނެ ކަމަށާއި އައްޑޫ (ހުޅުމީދޫ) ގައި ހަތަރު ރޫޓަކަށް ބަހުގެ ހިދުމަތް ދިނުމަށް ހަތަރު ބަސް ބޭނުން ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގައި ބަހުގެ ހިދުމަތް ދިނުމަށް ފަސް ބަސް އަދި ލާމު މެއިންލޭންޑް (ގަން – ފޮނަދޫ) ގައި ބަހުގެ ހިދުމަތް ދިނުމަށްވެސް ފަސް ބަސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި ފުވައްމުލައް ސިޓީގައި ތިން ރޫޓަކުން ހިދުމަތްދޭއިރު ގަން – ފޮނަދޫގައި ހަތަރު ރޫޓަކަށް ބަސް ދަތުރުކުރާނެއެވެ.

ލާމު އިސްދޫ – ކަލައިދޫ ގައި ދެ ބަސް ބޭނުންކުރާއިރު އެއް ރޫޓަކަށް ހިދުމަތްދޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.