މީރާއަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ދަށްވެއްޖެއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު އެ އިދާރާއަށް ބަލައިގެންފައިވަނީ 927 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މީރާއަށް 1.03 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގަތް 35.4 މިލިއަން ޑޮލަރު ހިމެނޭ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ 59.8 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 554.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި މީރާއަށް 636 މިލިއަން ރުފިޔާ ލިބިފައިވެއެވެ.